މަހަށް ހަމަ އަގު ލިބޭނީ ނިމި ދިޔަ ސަރުކާރުން ޗައިނާއާއި އެކު ހެދި ފްރީ ޓްރޭޑް އެގްރިމެންޓް ތަންފީޒު ކުރެވިގެން ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ސިނާޔަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ނުލިބުމުން ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސްވެރިން ބޮޑު މުޒާހަރާއެއް ކުރަން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައި ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ މަހަށް އަގު ލިބޭނެ ގޮތެއް ފާހަގަކުރައްވާފައެވެ.

ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަވަށްޓެރި ޗައިނާއާއި އެކު ފްރީ ޓްރޭޑް އެގްރިމެންޓެއެއް ހެދިފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް" ގައި އެއްވެސް ޑިއުޓީ އަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރުމުގެ ފުރުސަތު ތަނަވަސް ވެގެންދާ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދިވެހިން ބާނާ މަހުގެ އުފެއްދުންތައް އެއްވެސް ޑިއުޓީއަކާއި ނުލާ ޗައިނާއަށް އެކްސްޕޯޓް ކުރެވެން ފެށުމުން މަހަށް ހަމަ އަގު ލިބިގެން ދާނެއެވެ. އެހެން ނަމަވެސް މި އެގްރިމެންޓް ތަންފީޒް ކުރުމަށް ކޯލިޝަން ސަރުކާރުން އުޒުރުވެރިވަމުން ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދިވެހި ރާއްޖެއަށް ވަކިން ޚާއްސަކޮށް ދިވެހި މަސްވެރިންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ރައީސް ޔާމީން ޗައިނާ ސަރުކާރާއިއެކީ ހެދި ފްރީ ޓްރޭޑް އެގްރީމަންޓަށް މިސަރުކާރުން އިޚުތިރާމުކުރުން. ދިވެހިން ބާނާ މަހާއި މަހުގެ އުފެއްދުންތައް ޒީރޯ ޓެރިފްގައި 1.4 ބިލިޔަން އަށް ޗައިނާއަށް އެކްސްޕޯޓް ކުރުމުން ހަމަ އަގު ލިބޭނެ." ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ފްރީ ޓްރޭޑް އެގްރީމެންޓް ތަންފީޒުކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވެއެވެ. އަދި މި އެގްރިމެންޓް ތަންފީޒު ކުރި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެއްބަސްވެފައި އޮތްގޮތަށް ކުރިއަށް ނުގެންދާނެ މި ސަރުކާރުގެ އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވެއެވެ.

ދިވެހި ސަރުކާރުން ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓުގައި ސޮއިކޮށްފައި ވަނީ ޑިސެމްބަރު 7، 2017 ގަ އެވެ. އަދި އެ އެއްބަސްވުމުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކޮށްފައި ވަނީ ނޮވެމްބަރު 29، 2017 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލްލް

    ހެހެހެހެ ގްރޭޑް 9 ގެ ކުއްޖަކަށް ވެސް އިނގޭނެ ތީ ގަމާރު ވާހަކަ އެއްކަން

  2. ވގ ޔނ

    ޗަކޮއިމެން އެކަންނުކުރީ ކާކުބުނެގެން ވައްކާންކުރާންވެގެން ތެޅުނުވަރުން އެހެން ކަމެއްވާވަރެއްނުވި އުތަ ބަހީ ސޭބޯން

    1
    1
  3. އެމަންޖެ

    ކަލޭމެނައް ތިޔަތަނުން ހަމައަގު ލިބެޔެއްނު މިލިޔަނުން މިލިޔަނުން ދެން އަނގަމަޑުން ލައިގެން ތިބޭ...ކަމެއް ވާބައެއްނޫން ތިޔަކީ ހާއްސަކޮއް ނެނެރީ ނަޝީދުގެ ނަން ފާހަގަ ކޮއްލަން.