މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ބަޖެޓު އެރަށެއްގެ ކައުންސިލް އާއި ހަވާލު ކުރެވިފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒު ވިރާނާވެ ނުބެހެލެހެއްޓޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ޓްވީޓެއް ކުރައްވާފައި ވަނިކޮށް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރާނެ ބަޖެޓު 2019 ވަނަ އަަހަރު ކައުންސިލްތަކަށް ދީފައިވާނެ ކަމަށެވެ.

މިނިސްޓްރީ އިން ވިދާޅުވި ގޮތުގައި އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ޚަލީފާ ފައުންޑޭޝަން އާއި ހަވާލުކޮށްގެން 2019 ވަނަ އަހަރުން ފެށިގެން ކުރިޔަށް އެބަ ދެއެވެ.

އިސްލާމީ މަރުކަޒުގެ މުންނާރާއި ގުއްބު ބާވެ ހަލާކުވާތީ އެކަމާއި ގުޅިގެން ގިނަބަޔަކު ފާޑުކިޔަމުން ދަނިކޮށް މިނިސްޓްރީން ކޮށްފައިވާ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ ގުއްބު އަދި މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

"އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ޚަލީފާ ފައުންޑޭޝަން އާއި ހަވާލުކޮށްގެން 2019 ވަނަ އަހަރުންފެށިގެން ދަނީ ކުރަމުން އެގޮތުން މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތް ނިމި ބޭރުގެ ބައެއް މަސައްކަތް ކުރަމުންދާއިރު ގުއްބު އަދި މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ވަނީ ތައްޔާރުވެފަ." މިނިސްޓްރީއިން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިސްލާމީ މަރުކަޒުގެ ބައެއް ފޮޓޯތަކާއިއެކު އިއްޔަ ވައްޑެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެ ބިނާއަކީ ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން މިއަދާއި ހަމައަށް ވަރަށް ލޯބިން ބަލަހައްޓަމުންދިޔަ ދިވެހިންގެ އެންމެބޮޑު އިސްލާމީ ބިނާ ކަމަށެވެ. ނަމަވެސް މިއަދު އެތަން ނުބެލެހެއްޓި ވީރާނާވަމުން ދާކަން ފާހަގަކުރައްވާ އޭނާ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެ ބިނާ މަރާމާތުކޮށް ބެލެހެއްޓުމަކީ އިސްލާމިކް މިނިސްޓްރީން ކުރަންޖެހޭ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔޫސުފް

    އިސްލާމީ މަރުކަޒުގެ ހުޅަގު އުތުރު ފަރާތު، މިސްކިތައްދާ އާއްމުން ބޭނުންކުރުމަށް ހުރި ހަތަރު ފާޚާނާގެ ތެރެއިން އެއްފާޚާނާ ތަންޑު ހަލާކުވެފައި ހުންނަތާ ހަތަރުމަސް ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެ.

  2. ހުސޭނުބޭ

    ދައުރުނިމެންވާއިރަށް މަރާމާތުނިމިއްޖެއްޔާ ވަރަށްރަގަޅު. އޭރުން ބިލް ނިންމަންޖެހޭނީ ދެންއަންނަ ސަރުކާރަކުންދޯ

  3. ސަމްސިއްޔާ

    ކޮބައިތަ ތައްޔާރުވެފައި ވުމަކީ؟؟ އަހަރުމެންނަކަށް ނުފެނޭ އެއްވެސް މަސައްކަތެއް ކުރުމަށް ތައްޔާރުވެފައި އޮތް ތަނެއް. އެހެނެއްނޫން ކޮވިޑުގެ ކުރިން މަސައްކަތްތަކެއް ކުރި. ލާރިި ކޮޅި ކާލީތޯ؟؟