ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައި ވަނީ، މި ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 15:15 އިން މިރޭ 20:15 އާއި ހަމައަށެވެ. މޫސުން ކުރިއަށް އޮތް ގޮތަށް ބަލާއފައި މި މުއްދަތު އިތުރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކިހިސާބަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެންވާ ކަަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ނުވި ނަމަވެސް، ދިޔަވަރު ބޮޑުވާ ގަޑިތަކުގަ އާއި ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭތީ މެޓުން ވަނީ މޫސުމަށް ހާއްސަ ސަލާމު ކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.