ޝަރުޢީ ތަކުލީފުތަކުގައްޔާއި ކުށްކުރުމުން ޢުޤޫބާތް ދިނުމުގައްޔާއި ހެޔޮ ޢަމަލު ކުރުމުން ސަވާބު ދެއްވުމުގައިޔާއި އިސްލާމްދީނުގެ މިފަދަ އަސާސީ މަބާދިއުތަކުގައި ދެ ޖިންސުގެ ދެމެދުގައި ތަފާތުތަކެއް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައި ނެތް ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް އަންހެނުން ކުރިމަތި ނުލެވޭ ގޮތައް އޮތުމުން އެމައްސަލަ ހޫނުވެ ގިނަ ބައެއްގެ ފާޑުކިޔުން އަދާލަތު ޕާޓީއަށް އަމާޒުވެފައި ވަނިކޮށެވެ. ނަމަވެސް ޑރ.ޝަހީމްގެ ޓްވީޓްގައި އަދާލަތު ޕާޓީގެ ނަން ފާހަގަ ކުރައްވާފައެއް ނުވެއެވެ.

ޑރ.ޝަހީމް ވިދާޅުވީ ޤައުމު ބިނާކުރުމާއި އިސްލާމީ ޙަޟާރަތު ކުރިއެރުވުމުގައި، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަގުން، ޢިލްމީ ޤާބިލް ތަޖުރިބާހުރި އަންހެންބޭފުޅުންނަށް އިންސާފުވެރި ފުރުޞަތު އޮތުމަކީ އިސްލާމީ ތަޞައްވުރުގެ ފުރިހަމަކަން ރަމްޒުކޮށްދީ ޢާލަމީ ވަންތަކަން ކަށަވަރުވާނެ ކަމެއް ކަމަށެވެ.

"އިސްލާމީ އުންމަތުގެ ތާރީޚުގެ އެކި މަރުޙަލާތަކަށް ބަލާއިރު ޢިލްމީ، އިޖްތިމާޢީ، އިޤުތިޞާދީ، ޞިއްޙީ، ތަފާތު ދާއިރާތަކުން އަންހެންކަނބަލުންގެ ޚިދުމަތް ފެނިފައިވޭ. އިސްލާމީ ޙަޟާރަތު ކުރިއެރީ ދެ ޖިންސުގެ ޙިއްސާ އޮވެގެން." ޑރ.ޝަހީމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް އަންހެނަކަށް ވާދަ ނުކުރެވޭނަމަ އެޕާޓީގެ އަސާސީ ޤަވާއިދު އިސްލާހު ކުރަން އަންގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އިއްޔެ ވަނީ ވިދާޅުވެފައެވެ. އަދާލަތު ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ކުރިމަތި ލެވޭނީ ފިރިހެނުންނަށް އެކަންޏެެވެ.

އަދާލަތު ޕާޓީން މިހާރު ދަނީ އެޕާޓީގެ ކޮންގްރެސްއަށް ތައްޔާރު ވަމުންނެވެ. އަދާލަތު ޕާޓީގެ އިސް ބޭފުޅުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކެއްގެ މުށުތެރެއަށް ބާރުތައް ޖަމާކުރަން ކަމަށް ބުނެވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޢެދުރު

  ކީރިތި ޤުރުއާނުގައި އަންހެނުންގެ މައްޗަށް ފިރިހެނުން ވެރި ކުރެއްވި އާޔަތަށް ކިހިނެއްތޯ ހަދަން ޖެހޭނީ ދޮކްތޫރު ސަހީމު ކައިރީ އައްސަވާ؟ދީނީ ކަންތަށް އޮޅުވާލިޔަށް ބޮޑުވަރު

 2. އަބްދޫ

  އިސްލާމްދީނުގެ އަސާސް ގަ ދެޖިންސް ހަމަހަމަ.އެއީ އަޅުކަންކުރުމާއި އަޅުކަމަށް ސަވާބުދެއްވުމާއިނަހިއައި ފާހިސް ކަންކަމަށް އަރައިގަތުމުންއަޒާބުދެއްވުނަ ހަމަހަމ. އިންސާނާ ހެއްދެވުމުގަ އަންހެނައާއި ފިރިހެނާ ހަމަހމަ ބާ؟ އިސްލާމީ އަސާސް ގެތެރޭ ކައިވެނި ވެސް ހިމެނޭ ކައިވެނީގެ އަގުދހުގަ ވެސް ފިރިހެނާއާއި އަންހެނާގެ ބައި ތަފާތު ދޯ؟ ދުނިޔޭގައި އިންސާނާ މާތްﷲ ލެއްވީ ތަފާތު ދަރަޖަ ތަކުގަ. އެކަން ޒުހްރަފް ސޫރަތުގެ 32 ވަނަ އާޔަތުން ކަށަވަރުކޮށްދޭ. އަދި އިނަސާނާ އައީ އެަކުއަނެކަކަށް ދުނިޔޭގެ މައީސަތުގަ ހަމަހަމ ކަމެއް ހުރި ބަޔަކު ނޫންކަން. ލެބޯޓްރި ޓެސްޓް ތަކުންވެސް ކަށަވަރުވޭ.އެއްވެސް މީހަކު އަނެކަކާކާ ހަމަހަމ ސެލްތައް ހުރި މީހަކު ދިމަލެއްނުވޭ ހއެމީހާއަށް ލިބިފައިވާ ނަފްސުގެ ބާރު ވެސް ހުރިހާ މީހުންތަފާތު. މާތްﷲ ގެ ވަހީގަ ަންހެނުންނާ ފިރިހެނުން ވަކިން ގުރްއާނުގަ ވަހީ ބާވައިލެއްވުމުގަ ވިސްނަންޖެހޭ ކަންކަންނުވޭތަ؟ގައުމުގެ ވެރިމިހައައި ޖަމާއަތުގެ ވެރިންކަމުގާ އަންހެނުންނަކަށް ނުވެވޭނެ. އެއްވެސް މިހަކަށް ހަރަދު ކުރުމަކަށް އަންހެނަކަށް ވާޖިބެއްނުވޭ، އަހްޒާބު ސޫރަތުގެ 33 ވަނައާޔަތުގަ މާތްﷲ ބާވައިލެއްވި ވަހީއަށް މުސްލިމް އަންހެނުން ތަބާވާކަށް ނުޖެހޭބާ؟

 3. މުހުންމާ

  ތެދެއް މާތްﷲ ގެ ދަރުބާރުގައި ހިސާބު ބެއްލެވެމުގައި އަންހެނެއް ފިރިހެނެއް ތަފާތެއްނެތް، އިސްލާމްދީނުގައި އަންހެނުންނީ އަބުރުވެރި އިއްޒަތްތެރި މާތް ކަނބަލެއް.
  މާތް ރަސޫލާގެ ހަޔާތްޕުޅުގައި ވެސް އަދި ފަހުން އައި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ހަތަރު ހަލީފާއިންގެ ޒަމާނުގައިވެސް ދެން އެފަހުން އައި ސަހާބީންނާއި ތާބިއީންނާއި ތާބިއީންގެ ތާބިއީން ގެ ޒަމާނުގައިވެސް ތިޔަބުނާ ގޮތަށް އިސްލާމީ ގައުމެއްގެ ވެރިޔަކަށް ފަނޑިޔާރަކަށް ނުވަތަ ފިރިހެނުން އެކުވެގެންވާ ޖަމާއަތެއްގެ ވެރިކަމަކަށް އަންހެނަކު އިސްކުރެވުނުވާހަކައެއް ފެންނާކަށްނެތް.
  ދެން މިއަދު މަތިމައްޗަށް ޑަކްޓަރުކަން ނަގައިގެން އައިސްތިބެ އަންހެނުންނަށް ފަޑިޔާރުކަން ކުރެވޭނެޔޭ ވެރިކަން ކުރެވޭނެޔޭ ކިޔައިގެން ވާހަކަ ދެއްކީމައި އިސްވެދެންނެވުނު ބޭކަލުންނަށް ނޭގުނު އެއްޗެއް ޝަހީމްމެންނަށް އެނގިގެން އުޅޭހެން ހީވާކަހަކަލަ.