މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު ފަހު 13:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށެވެ.

މިއަދާއި މިރޭ ވައިޖެހޭނީ ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ވިލާގަނޑުގައި ކަނޑުތައް ގަދަވުން އެކަށީގެންވޭ ވަރަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3 ފޫޓާއި 5 ފޫޓާއި ދެމެދުގައި ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ބޯކޮށް ވާރޭވެހި ގުގުރާނޭކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އެދިވަޑައިގަންނަވައެވެ.