ރާއްޖޭއިން ހުށަހެޅި މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން (އެންޑީސީ) އަށް އ.ދގެ މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާގެ އެގްޒެކްޓިވް ސެކްރެޓަރީ ޕެޓްރީޝިއާ އެސްޕިނޯސާގެ ތައުރީފްކޮށްފިއެވެ.

މިކަން އެކަމަނާ ފާހަގަ ކުރައްވާފައިވަނީ، ރާއްޖޭގެ އެންޑީސީ ހުށަހެޅުމާއި ގުޅިގެން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

މިގޮތުން، ކޮވިޑް-19 ގެ ގޮންޖެހުންތަކާއެކުވެސް ކަނޑައެޅިފައިވާ މުއްދަތަށް ރާއްޖޭގެ އެންޑީސީ އަދާހަމަކޮށް (އަޕްޑޭޓްކޮށް) ހުށަހެޅުމަކީ ފަހަގަކޮށްލެވޭ ކަމެއްކަމަށް އޭނާ ހާމަ ކުރައްވާފައިވެއެވެ.

އަދި ވަކިން ހާއްސަކޮށް ރާއްޖެއިން، ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް ކުރިޔަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް ހުށަހަޅާފައިވުމާއި އަދި ވަސީލަތްތައް ތަނަވަސް ވެއްޖެނަމަ 2030 ވަނަ އަހަރުގެ ނިޔަލަށް "ނެޓް ޒީރޯ" ޙާސިލްކުރުމުގެ ޢަޒުމުގައި ތިބުމަކީ ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ ކަންތައްތަކެއް ކަމަށް އެކަމަނާ ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ހަރުދަނާ ގިނަ މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން ހުށަހެޅުމާއި، މީގެ ތެރޭގައި ކާރިސީ ހިރާސް އިތުރުކުރުމާއި، މިދާއިރާއިންވެސް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވުމަކީ، ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކުކަމަށް އެންމެ ބޮޑަށް ހުރަހެޅިފައިވާ ޤައުމަކުން ހުށަހަޅާ ވަރަށް މުހިންމު ކަމެއްކަމަށްވެސް އެކަމަނާ ފާހަގަ ކުރައްވައެވެ.

އެންވަޔަރަމންޓު މިނިސްޓްރީ އިން ވިދާޅުވީ ރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ މުނާސަބަތުތަކުގައި ފާހަގަ ކުރައްވާފައިވާ ކަމަށާއިި ވަކިން ޚާއްސަކޮށް 2030 ގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަން ޙާސިލުކުރެއްވުމަށް މަސައްކަތް ކުރައްވާކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައިވާކަން ފާހަގަކޮށްފައެވެެ.