ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެ ކުއްޖަކީ ބުއްދީގެ ތަސައްރަފު ނުފުދޭ ކުއްޖެއްކަން ޝަރީއަތަށް ސާބިތު ކުރުމަށް ބޭނުންވާ ލިޔެކިއުމެއް ދައުލަތަށް ހުށަހަޅާފައި ނުވާތީ ދަށު ކޯޓުންނާއި ހައި ކޯޓުން ބޭރުކޮށްލުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

އުމުރުން 18 އަހަރުން މަތީގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އޭނާގެ ޅިޔަޅު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތ ކުރެވޭ މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު، އެ ފަދަ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާތީވެ އެ ކޯޓުގައި ޝަރީއަތް ފެށުމުގެ ކުރިން ކޯޓުން މައްސަލަ ބޭރުކޮށްލިއެވެ. އަދި ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލަ ހައި ކޯޓުން ނިންމެވި ގޮތާ މެދު ހިތްހަމަނުޖެހޭތީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ނިޒާމުގެ ތެރެއިން މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށް ލިޔުއްވާފައިވެއެވެ.

"އަޅުގަނޑުމެން [ޕީޖީ އިން] ދާނީ ސާބިތު ކަމާ އެކު [ގޮތްދޫނުކޮށް] އިންސާފު ގާއިމު ކުރުމުގައި ކުރިއަށް،" ޕީޖީ ޝަމީމް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގައިވާ ގޮތުން، ޖިންސީ ގޯނާ ލިބުނު ފަރާތަކީ ހާއްސަ އެހީއަށް ބޭނުންވާ 18 އަހަރުން މަތީގެ ފަރާތެއްނަމަ، އެ ފަރާތުގެ ބުއްދީގެ ތަސައްރުފު ނުފެދޭ ކުއްޖެއް ކަން ސާބިތުކޮށްދޭ ފަދަ ސަރުކާރުގެ ކަމާ ބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ގަބޫލު ކުރާ އެހެން އިދާރާއެއްގެ ލިޔުމެއް ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހަޅަން ޖެހޭނެއެވެ.

މި ގާނޫނުގެ ދަށުން އުމުރުން 18 އަހަރު ފުރިފައި ވިޔަސް، ބުއްދީގެ ތަސައްރަފު ނުފެދޭ މީހުންނަށް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ކަމަށް ބަލައެވެ.