ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް އުތުރާއި، މެދު ތެރޭގެ ބައެއް އަތޮޅުތަަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފައި ވަނީ ރ.އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށެވެ.

މެޓް އޮފީހުން ނެރުނު އެ ސަމާލުގައި ބުނެފައި ވަނީ، މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަަމަށެވެ.

މި ސަމާލުގެ ވަގުތު ހަމަވާނީ މިރޭ 23:30 އަށެވެ.

މެޓް އޮފީހުން މިރޭ ވެސް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެން ވާކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. ވިލާގަނޑުގައި ހުރިހައި ހިސާބަކަށްވެސް ކަނޑުތައް ގަދަ ވާނެއެވެ.

ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3 ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.