މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 37 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 20 މީހުން ފައްސިވީ މާލެ އިންނެވެ. މިއަދު ރިސޯޓްތަކުން 15 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ އިތުރުން އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުން ދެމީހުން އަދި ސަފާރީއަކުން އެކަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އިތުރުވަމުން އަންނާތީ އެކްޓިވް ކޭސްތަކުގެ އަދަދު ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު 658 އަށް އަރައެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 41 އަށް އަރާފައެވެ.

މިއަދު 37 މީހުން ކޮވިޑް-19 އަށް ފައްސިވީ 3088 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އެންމެ ފަހުން މީހަކު ނިޔާވީ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހު އެވެ.