ސަރުކާރުން ދަނީ އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ މެދުގައި ބައިބައިވުން އުފެއްދުމަށްޓަކައި ފައިސާ ހުށައަޅަމުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގައި ތިބެ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރ.އަލިފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރ.މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފައްދާ، ކޯލިޝަންގެ ތެރެއަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން އެކި ގޮތްގޮތަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އެގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ތެރޭގައި ހިމެނޭ ބޭފުޅުންނަށް ސަރުކާރުން ތަފާތު ހުށައެޅުންތައް ހުށައަޅަމުން ދާކަމަށް އާދަމް ޝަރީފް ވިދާޅުވއިެވެ. "އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި ބޭބޭފުޅުނަށް ވަކިވަކިން ނުފޫޒު ފޯރުވުމަށްޓަކައި ފައިސާވެސް ދަނީ ހުށަހަޅަމުން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވަނީ އިދިކޮޅު ކޯލިޝަން ބައިބައި ނުވާނޭ ގޮތަކަށް އެންމެން އެކަތިގަޑަކަށް ވެގެން އެއް އަޒުމެއްގައި މަސައްކަތް ކުރުމަށް ގޮވާލައިފައެވެ. އެފަދަ ހުށައެޅުންތައް ހުށައަޅާ، އިދިކޮޅަށް ފިއްތުންތައް ކުރިމަތި ކުރުވަނީ ސަރުކާރު ގޮތް ހުސްވުމުން ކަމަށް ވިދާޅުވެފައެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ވެރިކަމަށް އައުމަށްޓަކައި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދުމުން މިއަދު ރައްޔިތުން ތިބީ މާޔޫސްވެފައެވެ. އަދި ސަރުކާރަށް ރައްޔިތުން ކުރި ތާއީދު ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުން ރައްޔިތުން މަޖިލީހުގައި ތިއްބެވި އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ ތެރެއިން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ފިޔަވާ ހުރިހާ މެމްބަރުންނަށް މަޖިލީސް ރައީސް މުހައްމަދު ނަޝީދު ވަނީ އެކި ހުށައެޅުންތައް ހުށައަޅާފައިވެއެވެ. މިކަން ސަލީމް ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަންގެ ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި އެއްވެސް ބޭފުޅަކަށް ޝައްކު ނުކުރާ ކަމަށެވެ. އަދި އިިދިކޮޅުގައި މިވަގުތު ތިބީ ޕާޓީއަށް އިހްލާސްތެރި ބައެއް ކަމުުގައި އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ދަނީ އިދިކޮޅު ބައިބައިކޮށްލުމަށް ފައިސާ ހުށައަޅަމުން ކަމަށް އާދަމް ޝަރީފް ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އެމްޑީޕީ

  މިހާރު މިއޮތް އިދިކޮޅުކޯލިޝަންގެ މީހުން ފައިސާއަށް ވިކިދާނެ! އެކަން އޮތީ މި ކޯލިޝަންގެ ވެރިކަމެއް އޮތްއިރު ސަޅިކޮށް ފެނިފަ! ހަމައެކަނި ވިކިގެންދިޔަ 12 މެންބަރުންނަށާ އީސީ ޝަރީފްފަދަ ، ނިޙާނު ، ފަލާޙް ، ޢަލީޢާރިފް ، ޖިހާދު . ފަދަ މީހުން ވިކިގެން ދިޔުމަކީ ޤަބޫލުކުރަން ދަތިކަމަކަށްވިޔަސް އެކަންއޮތީ ހިނގާފަ! އެމްޑީޕީ 7 އަހަރު އިދިކޮޅުގައި އޮތްއިރުވެސް ބަދަލެއްނައިސް ލީޑަރާއެކު ތިބުމަކީ އެމީހުންގެ ކާމިޔާބީގެ އަޞްލަކީ!

  5
  3
 2. ޖަލީލް

  ފައިސާ އަޅަނީ އިންޑިޔާއިން

  7
  1
 3. މުހައްމަދު

  ހަޤީޤަތާޚިލަފު ވާހަކަތައް ޢާއްމުކުރުމަކީ ވަރަށް ނުބައިކަމެއް އެމީހަކު ކުރިކަމެއް އެމީހަކު ދެކޭނެ.

  3
  3
 4. ސިއްތި

  މި ސަރުކާރަށްވަންޏާ އިދިކޮޅު ނައްތާލާނެ ރައްޔިތުންނަށް ދޭންޖެހޭ ފައިސާއާ ކޮށްދެއްޖެހޭ ކަންކަން ނުކުރިއަސް މިބައިގަނޑު ދެމިއޮތުމ ަށް ސަރުކާރު ފައިސާ ޚަރަދުކުރަން އުޅޭނެ

  9
  1