އެޗްޕީއޭއިން ފޮނުވަން ޖެހޭ ގައިޑްލައިންތަކާއި މައުލޫމާތުތައް ފޮނުވިކަން ކަށަވަރު ނުކުރެވޭތީ ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހާގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކާ ހިއްސާ ނުކުރި މައްސަލާގައި ދައުވާ ނުކުރަން ނިންމައިފިއެވެ.

އެމައްސަލަ ފެންމަތިވީ ކުރެއްދޫ ރިސޯޓްގައި ހުރި ފަތުރުވެރިޔަކުގެ ކިބައިން ކޮވިޑް-19 އަލާމާތްތައް ފެނިފައި ވަނިކޮށް ރަސްމީ އިދާރާތަކަށް އެކަން ނާންގައި އޭނާ ފުރުވާލުމުންނެވެ. ބަލީގެ އަލާމާތްތައް ހުއްޓާ އޭނާ ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ ޓާމިނަލްގެ ތެރެއަށް ވެއްޓުމުން ވެސް އޭނާ އަށް ފަރުވާ ދިނެވެ. ފުރަތަމަ ފުރަން އޮތް ދުވަހު ފުރޭގޮތް ނުވުމުން ދެން އޭނާ ހުރީ މާލެ އައިސް މާގިރި ހޮޓަލުގައެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވުނު ފަތުރުވެރިންތަކެއް ފުރުވާލި ކަމުގެ ތުހުމަތުގައި ފުލުހުން އެ މައްސަލަ ތަހުގީގު ކުރީ އެމައްސަލަ ތަޙްޤީޤު ކުރަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ފުލުހުންގެ މައްޗަށް އަމުރު ކުރުމުންނެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ޕީޖީ އޮފީހުން ފޮނުވި ރިޕޯޓްގައިވާ ގޮތުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރިއިރު ޖިނާއީ ދައުވާ ކުރާ ވަރަށް ހެކި ލިބިފައެއް ނެތެވެ.

އެ ހާދިސާ ހިނގި ގޮތް ބެލިއރު، އެ މައްސަލާގައި އެޗްޕީއޭ އިން ގަވާއިދުން ފޮނުވަން ޖެހޭ ބައެއް މައުލޫމާތު އެ ކަމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި ފޮނުވާފައިވާ ކަން ނުވަތަ ނޫން ކަން އަދި އެއާ ގުޅުންހުރި ބައެއް ކަންތައް ސާފުވެފައި ނުވާކަމަށް ޕީޖީ ފޮނުވި ރިޕޯޓްގައި ވިދާޅުވެފައި ވެއެވެ.

އެހެންކަމުން މި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް އެ ރިޕޯޓްގައިވެއެވެ.

ކުރެއްދޫ ރިސޯޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ނަންހިނގާ ކުންފުނި ކަމަށްވާ ޗަމްޕާ ބްރަދާސްގެ ކްރައުން ކުންފުނިން ހިންގަމުން އަންނަ ރިސޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލލ

    ޕީޖީ " ގޮތްދޫކުރީ " ތޯ !

  2. ރާއްޖެ

    ބޮޑު މީހާއަށް ބޮޑު އިންސާފު. ކުޑަ ހުވަދޫ 15 މަސްވެރިން ޖަލަށް. އެމަސްވެރިންނަށް ގައިޑްލައިން ލިބުނު ކަން ޔަގީންތަ؟