ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މިމަސް ނިމުމުގެ ކުރިން ގެނެވިއްޖެ ނަމަ އޭޕްރީލް 3 ވަނަ ދުވަހު އިންތިހާބް ބޭއްވިގެން ދާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ދައުލަތުގެ މީޑިޔާއިން ގެނެސްދިން ޕްރޮގްރާމެއްގައި ރޭ ބައިވެވަޑައިގެން ވިދާޅުވީ ކައުންސިލް އިންތިހާބު ރޯދައިގެ ކުރިން ބާއްވާން ބޭނުން ނަމަ މި މަސް ނިމުމުގެ ކުރިން ގާނޫނަށް ގެނަން ޖެހޭ އިސްލާހުތަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވައިގެން ގެންނަން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ، ރޯދައިގެ ކުރިން އިންތިހާބު ނުބޭއްވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ނުރަސްމީ މަޝްވަރާއެއްގައި ތިނެއް އޭޕްރީލްގައި އިންތިޚާބު ބާއްވާފައި އަދި ދެވަނަ ބުރު 24 އޭޕްރީލްގައި އެއީ ރޯދަމަހުގެ ތެރޭގައި ބާއްވަން އަޅުގަނޑުމެން މިއަދު މަޝްވަރާކުރިން" ޖެނުއަރީ މަސް ނިމުމުގެ ކުރިން ގާނޫނަށް އިސްލާހު ގެނެވިއްޖެ ނަމަ އޭޕްރީލް ތިން ވަނަ ދުވަހު އިންތިހާބު ބޭއްވިދާނެ ކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވިއެވެ.

ގާނޫނަށް ގެންނަން ޖެހޭ އިސްލާހްތައް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ، އެބިލް ތަސްދީގުކޮށް ގާނޫނަކަށް ހަދާ، އެއަށް އަމަލުކުރަން ފެށުމާއެކު އިންތިހާބު ބާއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެމަސައްކަތް މިހާރު ކުރެވެމުން ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިންތިހާބު ލަސްކޮށް މިހާރުތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް މަޖިލީހުން ފާސްކުރި "ސަން ސެޓް" ގާނޫނަށް 3 އިސްލާހެއް ހުށައެޅުމަށް އީސީއިން ވަނީ ނިންމާފައެވެ.

އެއިސްލާހުތަކުގެ ތެރޭގައި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ އިހްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމާއި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތަކާއި އެކު އިންތިހާބު ބޭއްވުމުގެ ބާރު އީސީއަށް ދިނުމުގެ އިތުރުން ސަން ސެޓް ގާނޫނުގެ ދެވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް ހާއްސަ ހާލަތެއް މެދުވެރިވެފައިވާތީ އިޖުރާއަތްތައް ކަނޑައެޅުމައްޓަކައި އޮންނަ މުއްދަތުތައް، ކުރުކޮށްލުމުގެ އިހްތިޔާރު ކޮމިޝަނަނަށް ދިނުން ހިމެނެއެވެ.

އީސީއިން މީގެ ކުރިން މަސައްކަތް ކުރަމުން ދިޔައީ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ ތިންވަނަ ދުވަހަށް ދަންމާލުމާއި ގުޅިގެން މިހާރު މިވަނީ އެ ތާރީހުގައި އިންތިހާބު ނުބޭނެކަން ކަށަވަރުވެ، އޭޕްރީލް ތިންވަނަ ދުވަހު އިންތިހާބު ބޭއްވިދާނެ ކަމަށް ވިދާޅުވެފައެވެ.