ޤަތަރާއި އެކު ހާރިޖީ ގުޅުން ގާއިމުކުރަން ރާއްޖެ އިން ނިންމައިފިއެވެ.

ރާއްޖެ އިން ޤަތަރާއިއެކު ހާރިޖީ ގުޅުން ކަނޑާލީ ސައުދީ އަރަބިއްޔާ އިން ޤަތަރާއި ހާރިޖީ ގުޅުންތައް ކަނޑާލުމުން ސައުދީ އަރަބިއްޔާއާއި އެއްބައިވުމުގެ ގޮތުންނެވެ. ރާއްޖެ އިން ޤަތަރާއި ހާރިޖީ ގުޅުން ކަނޑާލީ 2017 ވަނަ އަހަރު ޖޫން މަހުއެވެ.

އަލުން ޤަތަރާއި ހާރިޖީ ގުޅުން ގާއިމު ކުރަން ރާއްޖެ އިން މިނިންމީ ވެސް ސައުދީ އަރަބިއްޔާ އިން އިއްޔެ ޤަތަރާއި ހާރިޖީ ގުޅުން ގާއިމު ކުރުމުންނެވެ.

ރާއްޖެ އިން ޤަތަރާއިއެކު ހާރިޖީ ގުޅުން ގާއިމުކުރަން ނިންމިކަން ދެންމެ އިއުލާން ކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައެވެ.

ޤަތަރާއި އެކު ހާރިޖީ ގުޅުން ގާއިމު ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް ދެއަހަރު ވެގެން ދިޔައިރު ވެސް ސައުދީ އަރަބިއްޔާ އިން ޤަތަރާއި ގުޅުން ގާއިމު ނުކުރާތީ ރާއްޖެ އިން އޮތީ ޤަތަރާއި ހާރިޖީ ގުޅުން ގާއިމު ނުކޮށެވެ.

ރާއްޖެއިން ޤަތަރާއިއެކު ހާރިޖީ ގުޅުން ގާއިމު ކުރަން ނިންމާފައި މިވަނީ ރައީސް ޞާލިހް އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ނުރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް ވަޑައިގެން އެގައުމުގެ ވަލީއަހްދު ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާއި ބައްދަލުކުރެއްވިތާ އެއްދުވަސް ފަހުންނެވެ. ވަލީއަހްދު މުހައްމަދު ބިން ޒައިދަކީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާންގެ އެންމެ އަރިސް އެއްބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާ

    ކޮންތާކު މިޖެހުނީ! ސައޫދީން ގަތަރާއިއެކު ގުޅުން ކަނޑާލީމާ ރާއްޖެއިންވެސް ގުޅުން ކަނޑާލީ އޭރުގެ ސަރުކާރުން. ނަމަވެސް މިސަރުކާރުގެ ބޭފުޅުން އޭރު އިދިކޮޅުގައި ތިއްބަވައި ވިދާޅުވީ ސަރުކާރާއި ހަވާލްވެފައި ގަތަރާއި އެކު ގުޅުން ގާއިމްކުރާނެކަމަށް .ނަމަވެސް ދެއަހަރު ވީފަހުން ގުޅުން މިގާއިމްކުރަނީ ސައޫދީން ގަތަރާއިއެކު ގުޅުން ގާއިމްކުރުމުގެ ފަހުންކަން ފާހަގަކުރަން.