އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހަށް ތާވަލު ކުރަން އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

ޝަރީފް ވަނީ "ޕީއެސްއެމް" ގެ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އޭޕްރީލް މަހުގެ ތިންވަނަ ދުވަހަށް އިންތިހާބު ބޭއްވުމާ މެދު ކޮމިޝަނުން މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެ ކޮމިޝަނުން ދެކެނީ ރަމަޟާން މަސް އައުމުގެ ކުރިން އިންތިހާބު ބޭއްވޭނެ ކަމަށެވެ. މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ދިމާވަނީ އޭޕްރީލް މަހުގެ މެދުތެރެއަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ފުރަތަމަ ތާވަލު ކުރި ކައުންސިލް އިންތިހާބު ދެން ބާއްވަން މަސައްކަތް ކުރީ މި އަހަރުގެ މާޗު މަހަށެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމުން މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވި ގޮތުގައި އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ހާލަތު އުވާލާތާ މަދުވެގެން ދެ މަސް ދުވަސް ފަހުންނެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެމިގެން އަންނާތީ ކައުންސިލްތަކުގެ ވަގުތީ ސަންސެޓް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީޙުގައި އީސީއިން އެދިފައިވެއެވެ. އެހެންކަމުން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި އެ ކަމުގެ މަޝްވަރާ ކުރުމަށް ނިންމާފައިވެއެވެ. މި ގޮތުން މަޖިލީހުގެ ދައުރުން ބޭރުގައި މި މަހު ޖަލްސާއެއް ބޭއްވުމަށް މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް އެނގިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަދީފް ހުސެން

    އިންގޭހާވެސް އެއްޗަކީ މާޗް 14ގަވެސް އޭގެކުރިންވެސް އަދި ފަހުންވެސް ސަރުކާރު ބޭނުންވެއްޖެޔާ ބޭއްވިދާނެކަން. ކޮވިޑަކީ ސަރުކާރުން ކަމެއްނުކުރަންވީމަ ދައްކާ ބަހަނާއެއްކަން.

    39
  2. ބޯގޯސް

    ތިކަމައްވެސް ސިހުރުހަދާނެ ރަނގަޅު ތާރީހެއް ނޭންގިގެން ތިޔައުޅެނީ ކަލޭމެންނަކީ ރާހީ އާއި ފާލު ބަލާ ސިހުރުހާހޫރަ ހަދާގެން ކުރިއެރުން ހޯދަން އުޅޭ ބައިގަނޑެއް

    37
    1
  3. ސަރީފް

    ނުބޭއްވޭނެ

  4. މިއަދު

    ކޯވިޑް-19 މިއީ ސިޔާސީ ވައިރަހެއްތަ؟
    ޖަލްސާތަކާއި ހަފްލާތައް އެއްވުންތަކާއި ޕާޓީތައް އޯކޭ އިންތިޚާބަށް ވައިރަސް

    14
  5. ގައްމު

    ދުވަސްވާ ވަރަކަ އަތައްގޮވާނީ

    14
    1
  6. އީސީގެ މުލުވަގު

    ދެން އަންނަ އަހަރު އޭޕްރީލްގަތަ؟؟ ރައްޔިތުންގެ ވޯޓު އޮޅުވާލި ބޮޑުވަގު!

    13
    1
  7. ޕޮޕިއުލޭޝަން ޑަޒް ނޮޓް މެޓާރ

    އޭ އީސީ ޝަރީފޫ ތިޔަ އިންތިހާބު ބާއްވާ ށޭ ދެން، ލޮލް

  8. ލީނޯ

    އިންޓަރނޭޝަންލް ޕްރެޝަރ ބޮޑުވެ އިންތިހާބު ބާއްވަން ޖެހުނީ.. ސަރުކާރުން ބާއްވާ ހިތެއް އަސްލުނުވޭ!