އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މާދަމާގެ ތާވަލުގައިވާ ގޮތުން، ރައީސް ޔާމީންގެ މައްޗަށް ކުރާ އެ ޝަރީއަތުގެ އަޑުއެހުން އޮތީ މާދަމާ މެންދުރުފަހު 2:00 ގައެވެ.

ކްރިމިނަލް ކޯޓުގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް ދައިލަތުން އުފުލި ދައުވާތަކަކީ ވެސް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުވައި އުފުލާފައިވާ ދައުވާތަކެކެވެ.

މި ގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެއް ވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރެ އެވެ. އަދި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ލޯންޑަ ކުރި ކަމުގެ ތުހުމަތެއް ވެސް ކުރެވެ އެވެ.

މީގެ އިތުރަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތާއި، އދ. ފުއްގިރި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތު ވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑަ ކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ދެކެނީ އެމަނިކުފާނަށް ކުރަމުން ދަނީ ނުހައްގު ދައުވާތަކެއް ކަމަށެވެ. އަދި މި ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ނުކުރާ ކަމަށާއި ހަމައެކަނި ބޭނުމަކީ ޔާމީނަށް އަނިޔާ ކުރުން ކަމަށް އިދިކޮޅުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެކްޓަރ

    ކަޅު ފައިސާ އެއީ ކޯއްޗެއްތޯ..ލޯންޑިންގް އަކީ ކޯއްޗެއްތޯ... މިއީ ކަޅު ހުކުރާއި ބަނޑިބުރާސްފަތި... ރ.ޔާމިން އަކީ މައުސޫމް ބޭފުޅެއް... ކޮން އެމް އެމްޕީ އާރ ސީ އެއްތޯ..އަދީބާއި ޒިޔަތު ވައްކަން ކުރިތޯ... ކޮމަޝިއަލް ބެންކްގެ ޝެއަރ އަދީބުގެ އޮވޭތޯ...

  2. އިންޑިއާ އައުޓް

    ނުޚައްޤުން ޖަލުގައި ރައީސްޔާމީން ދޫ ކޮށްލާ!