ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ކުރިމަތިވެފައިވާ ގާނޫނީ ހުރަސްތަކަށް ހައްލު ހޯދުމަށް ބޭނުންވާ ގާނޫނީ އިސްލާހުތައް ހިމެނޭ ބިލް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ބައެއް ހުރަސްތަކަށް ހައްލު ހޯދުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ގާނޫނު ނުވަތަ ސަންސެޓް ގާނޫނަށް އިސްލާހު ގެނައުމަށް ކަމާ ބެހޭ ބިލެއް މިހާރު އެކުލަވާލަމުންދާ ކަމަށެވެ.

"އެ ބިލު ވީހާވެސް އަވަހަށް މަޖިލީހަށް ހުށަހަޅާނަން،" ރިފްއަތު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރިމަތިވެފައިވާ ގާނޫނީ ހުރަސްތަކަށް ހައްލު ހޯދުމަށް ބޭނުންވާ އިސްލާހުތަކުގެ ބިލު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިފްއަތު ވިދާޅުވެފައިވާއިރު، މި އިސްލާހުތައް ގެނައުމަށް މި މަހު މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރެއްވުމަށް ވަނީ ނިންމާފައެވެ. ބެލެވޭ ގޮތުގައި މި މަހުގެ މެދުތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާނެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެފައިވަނީ އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި އިންތިހާބު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން ފަސްކުރުމާ ގުޅިގެން، އެ ކޮމިޝަނުން ދެން މަސައްކަތް ކުރީ މި އަހަރުގެ މާޗު މަހު އިންތިހާބު ބޭއްވުމަށެވެ.

އެކަމަކު ފެބްރުއަރީ މަހާ ހަމައަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެންމުމުން، އެ މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ. ޝަރީފް ވިދާޅުވާ ގޮތުގައި ކައުންސިލް އިންތިހާބު ބޭއްވޭނީ އެ ހާލަތު އުވާލާތާ މަދުވެގެން ދެ މަސް ދުވަސް ފަހުންނެވެ.