ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ނުދީ، ރާއްޖެއަށް ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

ޖިހާދުގެ ފަރާތުން ހައި ކޯޓުގައި މި މައްސަލަ އިސްތިއުނާފް ކުރިއިރު، މާދަމާ ހަވީރު 3:30 ގައި އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން ހައި ކޯޓުގައި ތާވަލުކޮށްފައިވެއެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާގައި ދަށު ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޖިހާދަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތައް ފާހަގަކޯށް ދުބާއީއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަކަށް އެދުނެވެ. ދައުލަތުން ވަނީ އޭނާ ފުރުން މަނާކޮށްދިނުމަށް އެދިފައެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ނިންމެވީ ޖހާދު ފިލައިގެން ގޮސް ކޯޓަށް ހާޒިރު ނުވާނެ ކަމުގެ އިހްތިމާލް އޮތުމުން އޭނާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ނުދިނުމަށެވެ. އަދި އޭނާގެ ޕާސްޕޯޓް އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހާއަށް ހިފަހައްޓަން ނިންމެވިއެވެ.

ރާއްޖޭގެ ނައިބު ރައީސް ކަމުގެ އިތުރުން ފިނޭންސް މިނިސްޓަރު ކަމާއި އެއްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރެއްވި ޖިހާދުގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމެއް ތަންފީޒުނުކޮށް އެއާ ހިލާފު އަމަލެއް ހިންގެވި ކަމަށް ބުނާ މައްސަލައެއްގައެވެ.

އެއީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި މައްސަލައާ ހިލާފަށް އޭނާ އަމަލު ކުރައްވާފައިވާ ކަމެކެވެ.

މި ގޮތުން ފިނޭންސް މިނިސްޓަރުގެ މަގާމުގައި ޖިހާދު ހުންނަވައިގެން ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ޚިލާފަށް، އެ ކަން އެގޮތަށް ކުރަން ޖެހިދާނެ އެއްވެސް ސަބަބެއް ނެތި، 2013 ވަނަ އަހަރުގެ ޖަނަވަރީ 13 ވަނަ ދުވަހު ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް %50 ގެ ބަދަލުގައި، ދިވެހި ދައުލަތުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަމަށް ދައުލަތުން އުފުލާފައިވާ ދައުވާގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަައީމް

    ތިފަދަ ސިޔާސީ ސީދާކަނޑައެޅިގެން އަނިޔާޔާދިނުމުގެގޮތުން ހުކުންހުރާ ގާޒީންނަށް ވަމުންދާގޮތް ވިސްނާބަލާށެވެ.....

  2. ރިވެތި

    ވަކިމީހަކު ފުރޭމު ކޮށް ތިޔަކުރާ ހުކުމައް ބިރުވެތިވާށެވެ މިއަދުގެ ތިގޮތައްހުކުމްކުރާމީހުން މާދަމާ އިލާހީނިންމުމާމެދު ބިރުނުގަންނަނީ ހެއްޔެވެ