ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ ކޮވިޑް-19 އަށް ފައްސިވެ، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ލ. ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ކަން ކުރައްވާފައިވާ މުޖުތާޒް ފަހުމީ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހު ކޮވިޑް-19ގެ އަލާމާތްތަކެއް ހުރެގެން ލ. ގަމުގައި ހުންނަ ކޮވިޑް-19ގެ ފެސިލިޓީއަށް ދައްކައި ހެދި ޓެސްޓުން ކަމަށެވެ.

އޭނާ ކަރަންޓީންގައި ހުރީ ލ. ކުނަހަންދޫ ކައިރީގައި އޮންނަ ކުޑަފުށި ކިޔާ ފަޅުރަށެއްގައެވެ.

“އެބޭފުޅާ ހުރީ ހާލުބެލުން ޕޯޓަލް ގައި ރަޖިސްޓަރ ކޮށްގެން އެރަށުގައި ކަރަންޓީނުގައި. ބަލީގެ އަލާމާތްތަކެއް ހުރެގެން ޓެސްޓް ކުރިއިރު ފައްސިކަން އެނގުނީ“ ޝާހީން ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ލ. ގަމު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މުޖުތާޒު އަށް ފަރުވާ ދެމުން އަންނަ ކަމަށާއި ރޭ ދަންވަރު ނޭވާލާން އުނދަގޫވެގެން ވެންޓިލޭޓަރުގައި ބާއްވައި އިތުރު ފަރުވާއަށް މިއަދު އިރުއޮއްސުނު ވަގުތު މާލޭ އައިޖީއެމްއެޗްގެ ޑީއެޗް11 އަށް ފޮނުވާފައިވާ ކަމަށެވެ.

"މިއަދު އިރުއޮއްސުނު ވަގުތު ޗާޓަރު ފްލައިޓެއްގައި މާލެ ފޮނުވާފައިވަނީ އިތުރު ފަރުވާއަށް. މާލެ ފޮނުވިއިރުވެސް އޮތީ ވެންޓިލޭޓަރުގައި" އޮފިޝަލަކު ވިދާޅުވިއެވެ.

މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލްގައި މުޖުތާޒު އަށް ފަރުވާ ދެމުން ދިޔަނަމަވެސް އެބޭފުޅާގެ ސިއްހީ ހާލަތު އަދި އެނގިފައެއް ނުވެއެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 13,930 މީހެކެވެ. އޭގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 657 މީހަކަށެވެ. ރާއްޖޭން ބަލި ޖެހުނު މީހުންގެ ތެރެއިން 48 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބޫ

    ‏إنا لله وإنا إليه راجعون.
    اللهم اغفر له وارحمه وعافه واعف عنه. واسكنه فسيح جناتك يارب العالمين. ويصبر أهله يارب

    4
    1