2021 ވަނަ އަހަރު މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ތާވަލުކޮށްފައިވާ ގޮތަށް ރާއްޖޭގައި ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވެފައި ވަނީ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޖީސީއެސްއީ އާއި އޭލެވެލް އިމްތިހާން ކޮވިޑް-19 އާ ގުޅިގެން މި އަހަރު ނުބާއްވަން ނިންމިކަން އިންގްލޭންޑުން އިއުލާނު ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މި އަހަރުގެ މޭއި ޖޫންގައި އޮންނަ ކެމްބްރިޖް އިމްތިހާނުގައި ރާއްޖޭގެ 1529 ކުދިން ބައިވެރިވާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވަމުން ގެންދާ އޮކްޓޯބަރު އަދި ނޮވެމްބަރު އޯލެވެލް އިމްތިހާނު 2020 ވަނަ އަހަރު ބާއްވާފައެއް ނުވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމިފައިވަނީ ޑިސެންބަރު މަސް ތެރޭގައެވެ.

މިހާރު ތާވަލުކޮށްފައިވާގޮތުން އޯލެވެލް އަދި އޭލެވެލް އިމްތިހާނުތައް އޮންނާނީ މި އަހަރުގެ މެއި ޖޫން ގައެވެ.

އޭލެވެލް އިމްތިހާނުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މެއި، ޖޫންގައި ބާއްވަން ތާވަލު ކުރި އޭލެވަލް އިމްތިހާނުތައް ކޮވިޑް-19 އާ ގުޅިގެން ބަދަލު ކޮށްފައި ވަނީ އޮކްޓޯބަރ ނޮވެމްބަރ އަށެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މަދުވެފައިވާއިރު، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހު ސްކޫލްތަކުގެ ކިޔެވުން އަލުން ފަށާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަބޭ

    މިނިސްޓަރޫ އޯލެވެލް އޭލެވެލް އިންތިހާންމިހާރު ތައްޔާރުކުރަނީ މިރާއްޖެއިންތޯ

    6
    1
  2. ވަޱަ މީހާ

    ސާބަހޭ

    2
    2