ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީގެ ކާރުގައި ރޯކޮށްލިތާ އެއް މަސް ދުވަސްވީ އިރު ވެސް އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މަސްއޫދުގެ ކާރުގައި ރޯކޮށްލާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިދިޔަ ދިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ މެންދަމު 3:05 ހާއިރު ކަމަށް ފުލުހުން ވަނީ ކުރިން ވިދާޅުވެފައެވެ.

އެ މައްސަލައިގެ އަދާހަމަ (އަޕްޑޭޓް) "ވަގުތު" އާއި ހިއްސާކުރައްވަމުން ފުލުހުްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށާއި އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. "މައްސަލައިގެ ތަހުގީގު ކުރިއަށް ދަނީ. އެ މައްސަލައިގައި ހެކި ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ދަނީ. އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރޭ." އޭނާ ވިދާޅުވިއެވެ.

މަސްއޫދުގެ ކާރުގައި ރޯކޮށްލާފައި ވަނީ ލ.ފޮނަދޫ ޔޫތު ސެންޓަރު ކައިރީގައި ކާރު އޮއްވައެވެ. އެ ކާރުގައި ރޯކޮށްލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން އެ ރޭ މެންދަމު 3:30 ހާއިރު އެތަނަށް ގޮސް ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެ ހާދިސާގައި ކާރުގެ ފަހަތުކޮޅު އެއްކޮށް އެނދުމުގެ ސަބަބުން ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައި ކަމަށް ވާއިރު ކާރުގައި ރޯކޮށްލާފައި ވަނީ މީހަކު ނުވަތަ ބަޔަކު ގަސްދުގައި ކަމަށް ގަބޫލު ކުރެވޭ ހެކިތައް ފެންނަން ހުރިކަން ފާހަގަކޮށްލެވެއެވެ. އެ

ހެނަމަވެސް ހާދިސާ ހިނގިތާ މަހެއް ފާއިތުވެ ދިޔައިރު ވެސް މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައި ނެތުމުން ބައެއް އާއްމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ތުހުމަތު ކުރެވޭ މީހާވެސް ހައްޔަރުކޮށްފައި ނުވާ ކަމަށާ، ފުލުހުން އެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ނުބަލާކަމުގެ ތުހުމަތުވެސް ބައެއް އާއްމުން ވަނީ ކޮށްފައެވެ.

"އެކަން ކުރި ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭ ނުވަތަ ތުހުމަތު ކުރެވޭ މީހަކު އެބަހުރި. ނަމަވެސް ފުލުހުން އޭނާ ހައްޔަރު ކޮށްފައެއް ނުވޭ." ފޮނަދޫން މައުލޫމާތު ދިން މީހަކު ބުންޏެވެ.

އިތުރު މީހަކު ބުނީ އަގުބޮޑު ވެހިކަލެއްގައި ރޯކޮށްލި މައްސަލައެއްގެ ތަޙްޤީޤު ފުލުހުން އެކަށީގެންވާ ގޮތެއްގައި ކުރަމުން ނުގެންދާ ކަމަށާއި އެކަމުގެ ސަބަބުން ރަށުގައި އިތުރު ބިރުވެރިކަމެއް ވެސް އުފެދިފައިވާ ކަމަށެވެ. "ކިހިނެއްތޯ އެނގޭނީ ދެން ރޯކޮށްލާނީ ކާކުގެ ވެހިކަލެއްގައި ކަމެއް؟ މިފަދަ ކަންކަން ކުރާ މީހުން އަވަހަށް ހައްޔަރު ކުރަން ޖެހޭ. މިއީ މުޖުތަމައަށް ހުރި ވަރަށް ބޮޑު ބިރެއް" ކަމަށެވެ.

ކާރު ރޯކޮށްލި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުނުކޮށް ދިގުލައިގެން ދާތީ މައްސަލަ އާއި ގުޅުން ހުރި ހެކިތައް ނައްތާލުމުގެ ފުރުސަތު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަދުރޭ

    ތިޔަ ކަންތައްކުރީ ޓިނު އަދުރޭ ގެ ކާރު ޑުރައިވަރު ލޯޑު ކިޔާ މީހަކު

  2. އަހޫ

    މީހަކު ހައްޔަރު ކުރާނެކަމެއް ނެތް.