ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން އަލުން ފުރުސަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް އަމުރުކޮށްދޭން އެދި ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުގެ ކުރިއަށް ނިންމައިދޭން ޝަރީއަތުގައި އެދޭނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަން އެދި ކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި އެ ކޮމިޝަނުން ވަކާލާތު ކުރާނީ މިހާރު އޮތް ސަންސެޓް ނުވަތަ ވަގުތީ ގާނޫނުގެ ދިފާއުގައި ކަމަށެވެ. އެކަމަކު އިންތިހާބު ލަސްނުވާނެ ގޮތަށް މައްސަލަ އަވަހަށް ނިންމައިދޭން ޝަރީއަތުގައި އެދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޯޓުގައި އެދޭނަން. އިންތިހާބު ބޭއްވުމަށް ކަނޑައެޅިފައި އޮތް ތާރީޚުގެ ކުރިން މިއަށް ގޮތެއް ނިންމައިދޭން. އެހެން ނޫނިއްޔާ މި އިންތިހާބު ލަސްވެގެން އެތައް ދުވަހެއް އަނެއްކާ ވެސް ހިނގައިދާނެ." ޝަރީފް ވިދާޅުވިއެވެ.

ހައި ކޯޓަށް މި މައްސަލަ ހުށަހެޅީ މުހައްމަދު ތަސްލީމް ކިޔާ މީހެކެވެ. މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭ ހުށަހެޅި އެ މައްސަލައިގައި އިންތިހާބަށް ކުރިމަތިލާން އިތުރު ފުރުސަތެއް ހުޅުވާލުމަށް ހައި ކޯޓުން އަމުރުކޮށްދޭން އެދިފައިވަނީ އިންތިހާބު ފަސްކުރެވިގެން ދިޔަ އަހަރު ދުވަހެއްހާ ދިގު މުއްދަތުގައި އަލަށް 18 އަހަރު ފުރުނު 5000 އަށް ވުރެ ގިނަ މީހުން ތިބުމުން އެ މީހުނަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލޭ ކަމަށް ބުނެއެވެ.

މި ކަމާ ގުޅިގެން ޝަރީފް ވިދާޅުވީ އާންމު ހާލަތްތަކުގައި ވެސް ވޯޓްލާ އާބާދީގެ ބަޔަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ގޮތުގެ މަތިން ގެއްލޭ ކަމަށެވެ. މި ގޮތުން އިންތިހާބަށް ކުރިމަތިލާން އާންމު ގޮތެއްގައި ހުޅުވާލަނީ 10 ދުވަހަށް ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ކުރިމަތިލެވޭނީ އެ މުއްދަތުގައި 18 އަހަރު ފުރޭ މީހުނަށް ކަމަށެވެ. އޭގެ ފަހުން އިންތިހާބު ބާއްވަނީ ދޮޅު މަސް ދުވަހެއްހާ ފަހުން ކަމަށާއި އެ މުއްދަތުގައި 18 އަހަރުވާ މީހުނަށް ކުރިމަތިނުލެވޭ ކަމަށެވެ.

"އާންމު ހާލަތުގައި ވެސް އެފަދަ ހާލަތު އެބަ ކުރިމަތިވޭ. އިންތިހާބަށް ކުރިމަތިލާން އަޅުގަނޑުމެން ހުޅުވާލަނީ ދިހަ ދުވަސް. އެ ދިހަ ދުވަސް ތެރޭގައި 18 އަހަރު ފުރިފައި ތިބި މީހުނަށް ކުރިމަތިލެވެނީ. އޭގެ ފަހުން ދޮޅު މަސް ދުވަސް އެބަ ހިނގާ އިންތިހާބު ބޭއްވުމާ ދެމެދު އޮންނާނެ. އެ ދެމެދު 18 އަހަރު ފުރޭ ބަޔަކަށް އެ ފުރުސަތު ލިބިގެން ނުދޭ." ޝަރީފް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އެންމެ ފުރަތަމަ ނިންމި ކައުންސިލް އިންތިހާބު ފަސްވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެނެވެ. ދެން އީސީއިން މަސައްކަތް ކުރީ މި އަހަރު މާޗު މަހު އިންތިހާބު ބޭއްވުމަށެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެންމުމުން ކުރިމަތިވި ގާނޫނީ ހުރަހަކާ ހެދި އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އެ ކޮމިޝަނުން ނިންމިއެވެ.

އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ވެސް އިންތިހާބު ބޭއްވެން އަންނަނީ ކައުންސިލްތަކުގެ ވަގުތީ ގާނޫނަށް އިސްލާހެއް ގެނެސްގެނެވެ. އެ އިސްލާހުތައް ހިމެނޭ ބިލް އެކުލަވާލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ދަނީ ކުރަމުންނެވެ. އަދި އެ އިސްލާހުތައް ފާސްކުރަން މި މަހުގެ މެދު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރުމަށް ވެސް ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ތި ކިޔޭ ނުކިޔޭ އެބަ އެނގޭތަ ގމރ؟ ތިބުނާ ގޮތުން ހީވަނީ ސަރީފް ބުނާ ގޮތަށޭ ކޯޓް ތަކުން ކަންކުރަނީ؟އަނގަ ގަޅި ޖެހުނަސް ތިދެން ފުކެއްވަރު،

  2. މުލުވަގު

    ނުކެރޭނެ ތީބޮޑު ވަގެ އް ކޮބާ މަގޭ ވޯޓު؟؟؟