ބައިނަލްއަގްވާމީ ބޮޑެތި ކުންފުނިތަކުގެ ޝަރަފްވެރި މަގާމްތައް ދިވެހިންނަށް ލިބޭއިރު އެ ފުރުސަތު ރާއްޖޭގެ ކުންފުނިތަކުން ނުލިބޭ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައި ވަނީ ކްރޯ މޯލްޑިވްސްގެ އެޑްވައިޒަރީ ސާވިސަސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރާއްޖޭގެ ޗާޓަޑް މެނޭޖްމަންޓް އެކައުންޓެންޓެއް ކަމަށްވާ އަބްދުލް ހަލީމު އައްޔަން ކުރުމާއި ގުޅިގެން އޭނާއަށް މަރުހަބާ ދަންނަވަމުން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޝިޔާމް ވަނީ ބައިނަލްއަގްވާމީ ކުންފުނިތަކުގެ މަގާމްތަކަށް ދިވެހިން އައްޔަން ކުރާއިރު، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިސްމަގާމްތަކަށް އައްޔަން ކުރާނެ ގާބިލް ދިވެއްސެއް ނެތީތޯ ސުވާލު އުފައްދަވާފައެވެ.

"އިންޓަނޭޝަނަލް ބޮޑެތި ކުންފުނިތަކުގެ މަގާމްތަކަށް ދިވެހިން ހަޔާ ކުރާއިރު ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކަށް ގާބިލް ދިވެއްސަކު ނުކުރޭ؟" ޝިޔާމް ކުރެއްވި ޓްވީޓްގައި ސުވާލު އުފައްދަވާފައިވެެއެވެ.

ޝިޔާމް މިގޮތަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައި ވާއިރު ފަހަކަށް އައިސް ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިސްމަގާމުތަކަށް ބޭރު މީހުން އައްޔަން ކުރަމުން ދާކަން ފާހަގަކުރެވެއެވެ.

އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ސްޓުއާޓް ވަނީ ނިމި ދިޔަ އަހަރުތެރޭގައި އައްޔަން ކުރައްވާފައެވެ. އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އިގިރޭސިވިލާތަށް ނިސްބަތްވާ ޖޯން ގްރިންޑަލް އައްޔަން ކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.