އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ކައުންސިލްތަކުގެ ވަގުތީ ނުވަތަ ސަންސެޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބިލް އެކުލަވާލުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު އެ ބިލް މަސައްކަތް ނިންމުމަށް ފަހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ ބިލް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލް ހުށަހެޅުއްވުމަށް ފަހު، މަޖިލީހުގެ ދައުރުން ބޭރުގައި މި މަހު ޖަލްސާއެއް ބޭއްވުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ނިޔާޒު ސިޓީއެއް ވެސް ފޮނުއްވާފައިވެއެވެ.

އެ ސިޓީގައި ނިޔާޒު ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ ވަގުތީ ގާނޫނަށް އިސްލާހު ގެންނަ ބިލަކީ ވަރަށް އަވަހަށް ފާސްކޮށް ނިންމަން ޖެހޭ ބިލެއް ކަމުގައި ދެކެވަޑައިގަންނަވާތީ އެ ބިލް ފާސްކޮށް ނިންމަން ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެ ޖަލްސާތައް ބިލް ފާސްކުރެވެން ދެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި ކައުންސިލް އިންތިހާބު އަހަރެއްހާ ދުވަހަށް ފަސްވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެނެވެ. ދެން އެ އިންތިހާބު ބާއްވަން މަސައްކަތް ކުރީ މި އަހަރު މާޗު މަހަށެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދިގުދަންމާލުމުން އެ މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީއިން ނިންމިއެވެ.

އީސީއިން މިހާރު ނިންމާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށެވެ. އެ ތާރީހަށް ވެސް އިންތިހާބު ބޭއްވީ ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރު ޖަލްސާއެއް ބާއްވައިގެން ފެބްރުއަރީ މަސް އައުމުގެ ކުރިން ވަގުތީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު މަޖިލީހުން ފާސްކުރުމުން ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    އިންތިހާބް ވެސް ބާއްވާން ޖެހޭނީ ، މައިމޫނާ ވެސް ކުޑަކަކުލަށް ތިރި ވާން ޖެހޭނީ ، ﷲ ރަޙުމަތް ފުޅުން ސޯލިޙް ވެސް އިސްތިއުފާ ދޭންޖެހޭނީ، އަންނި ވެރިކަމަށް ހިފާލާފަ އެހެރީކީ އަމަށަކު ވަރަކަށް ނޫން ، ހަމަ ހުސް މައުމޫން މި ޤައުމުގަ ، ދެން ސޯލިހު އާ އީ.ސީ ސަރީފް އަތްޖަހާ .ޕަކާސްސްސްސސްސް

  2. ފާތުން

    ތިޔައީ ކީއްކުރަން ބަާއެއްޗެއް؟ ރައްޔިތުން ތިބީ މިއަދު ހޭލައިގެން. ދޮގު ހުވަފެން ތައް ދެނެއް ނުދެއްކޭނެ. މުޅި ގައުމު ހަލާކުކޮށްލާފަ އެރަނގަޅު ކުރާނަމޭ ބުނެ ވޯޓު ހޯދަން އަޔަސް ދެނެއް ނުލިބޭނެ!