ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ގޮސްފައިވަނިކޮށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް އަންނަ ހަފުތާގެ ބުދަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ހުރަސް ހައްލުކޮށް، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭ ގޮތަށް ކައުންސިލްތަކުގެ ގާނޫނަށް އިސްލާހު ގެންނަ ބިލް އެޖެންޑާކޮށް ބާއްވާ އެ ޖަލްސާ އޮންނާނީ ބުދަ ދުވަހުގެ ހެނދުނު 8:30 ގައެވެ.

އެ ޖަލްސާގެ އެޖެންޑާގައި ވަނީ، ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ އެ ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ.

ފުރަތަމަ ކިއުމަށް ފަހު، ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާއާއި ކޮމިޓީއެއްގައި ބިލު ދިރާސާކުރުމުގެ މަރުހަލާއާއި ކޮމިޓީއިން އެކުލަވާލާ ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާއަށް ވެސް މަޖިލީހުގެ މަސައްކަތް ގެންދާނެއެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި ކައުންސިލް އިންތިހާބު އަހަރެއްހާ ދުވަހަށް ފަސްވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެނެވެ. ދެން އެ އިންތިހާބު ބާއްވަން މަސައްކަތް ކުރީ މި އަހަރު މާޗު މަހަށެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދިގުދަންމާލުމުން އެ މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީއިން ނިންމިއެވެ.

އީސީއިން މިހާރު ނިންމާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ކައުންސިލް އިންތިހާބު ބޭއްވުމަށެވެ. އެ ތާރީހަށް ވެސް އިންތިހާބު ބޭއްވީ ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރު ޖަލްސާއެއް ބާއްވައިގެން ފެބްރުއަރީ މަސް އައުމުގެ ކުރިން ވަގުތީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު މަޖިލީހުން ފާސްކުރުމުން ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ މީހާ

    އަނެއްކާ ރައްޔިތުންނަށް ކޮންކަހަލަ މުސީބަތަކާ ދުއްޕާނެއް ޖައްސަންބާ ؟

  2. އެމަންޖެ

    ތިޔަ ހުރިހާ އެއްޗެއްވެސް ބާއްވާ އަދި ތިޔަބާއްވާ ދުވަހު ނުކުންނަ އަދި ނުނިކުންނަ ކޮންމެ ބޭފުޅަކައްވެސް ބައިލައްކަ ރުފިޔާ ދެއްވާ.