ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވުމާެި ގުޅިގެން އެކަމުގެ ހިތާމާގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތައް ޝަރުޢީދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމައިފިއެވެ.

މުޖްތާޒް އަވަހާރަވެފައި ވަނީ ކޮވިޑް-19 ޖެހި، އެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ އަށް ފަރުވާދެމުން ގޮސްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައެވެ.

އަދ މުޖްތާޒް ި އަވަހާރަވި ހިތާމާގައި ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ފަރާތުން އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ވަނީ ފޮނުއްވާފައެވެ.

ޖުޑިޝަރީން ވިދާޅުވީ މުޖުތާޒް ފަހުމީ އަވަހާރަވުން ވެގެން ދިޔައީ ޝަރުޢީ ދާއިރާއަށާއި މި ޤައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ފުން ހިތާމައަކަކަށް ކަމަށެވެ. އަދި އޭނާގެ ޢިލްމީ ތަޖުރިބާގެ އަލީގައި ގައުމަށް ކޮށްދެއްވި ޚިދުމަތްތަކަކީ އަންނަން އޮތް އެތައް ޖީލުތަކަކުންވެސް ހަނދާން އާކުރަމުން ގެންދާނެ ފަދަ ޚިދުމަތްތަކެއް ކަމަށް ޖުޑިޝަރީން ވިދާޅުވިއެވެ.

މުޖުތާޒް ފަހުމީ ޤާނޫނު އަދި ޝަރުޢީ ރޮނގުން ތަޢުލީމު ފުރަތަމަ ހާޞިލް ކުރެއްވީ ފަނޑިޔާރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގެވި ކޯހަކުންނެވެ. އަދި މި ރޮނގުން އިތުރު ޓްރެއިނިންގ ކޯސްތަކާ ސްޓަޑީ ކޯސްތައްވެސް ރާއްޖެއާ ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައިވެއެވެ.

މުޖުތާޒް ފަހުމީ ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި،1981 އިން 1988 އަށް ކުނަހަންދޫ ކޯޓުގެ ޤާޟީކަމާއި، 1988 އިން 1990 އަށް ކޯޓު ނަންބަރު 3 ގެ ޤާޟީގެ އެހީތެރިޔާގެ މަޤާމާއި، 1990 އިން 1992 އަށް ކޯޓު ނަންބަރު 3 ގެ ޤާޟީ ކަމާއި، 1992 ން 1997 އަށް ކޯޓު ނަންބަރު 2 ގެ ޤާޟީކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން މަދަނީ ކޯޓުގެ ޤާޟީކަމާއި އަދި މަދަނީ ކޯޓުގެ އިސް ޤާޟީކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަންގެ ނައިބު ރައީސްކަމާއި، ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، އަދި 18 ސެޕްޓެންބަރު 2008 އިން 10 އޮގަސްޓު 2010 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ފުރުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ. ވައިނުޖެހޭގެއާގެ

    ޤައުމަށް ކޮށްދެއްވެވި އަގުނުކުރެވޭ ފަދަ ޙިދުމަތަށާއި، ކުރެއްވެވި މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ވަފާދާރު (ޑިއުޓިފުލް) ވެވަޑައިގެން ފަރުވާތެރިކަމާއި، އިންސާފުވެރި ކޮށް ކަންކަން ނިންމަވާދެއްވެވި ފަނޑިޔާރު މަނިކުފާނެއް. ސުވަރުގޭގެ ނިޢުމަތް ދެއްވަވާ، ޢާއިލާ އަށް ކެތްތެރިކަން ދެއްވަވާ، ކައްވަޅުގެ ޢަޒާބުން ނަޖާ ކޮށްދެއްވަވާންދޭވެ. އާމީން.