މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 21 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 17 މީހުން ފައްސިވީ މާލެ އިންނެވެ. މިއަދު މީހުން ދިރިއުޅޭ ރަށްތަކުން ދެމީހުން އަދި ރިސޯޓްތަކުން ދެމީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 13 މީހުންނެވެ. އެހެންކަމުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވިމީހުންގެ ތެރެއިން 13،238 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ނަމަވެސް މިހާރު ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނާތީ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 694 އަށް އުފުލިފައެވެ. މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 40 މީހުންނަށެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި 3 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު، އެތަނުން އެކަކު އޮތީ ވެންޓިލޭޓަރުގައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި 3 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 38 މީހަކަށް ވޯޑުގައި ދަނީ ފަރުވާ ދެމުންނެވެ.

މިއަދު 21 މީހުން ކޮވިޑް-19 އަށް ފައްސިވީ 2،715 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 49 މީހުން ވަނީ ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު