ގއ.ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހަކާއި ބައްދަލުވި އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް މޮނިޓަރިން ހާލަތައް ގެނެސްފިއެވެ.

ދެއްވަދޫ ކައުންސިލުން ވިދާޅުވީ މިއީ ޝީބިލްޑިންގ ކައިވެނި ޙަފްލާއާ ގުޅުންހުރި ވޭދަނައެއް (ކޭސްއެއް) ކަމަށެވެ. އެޙާފްލާއަށް ފަހު އެރަށުގައި ހޯމްކަރަންޓީންގައި ހުރި އުމުރުން ދެ އަހަރުގެ ކުއްޖަކާ ބައްދަލުވި ބަޔަކު ފައްސިވެފައިވާ ކަމަށް ދެއްވަދޫ ކައުންސިލުން ވިދާޅުވިއެވެ. ދެއްވަދޫން ޖުމްލަ ހަތް މީހަކު ފައްސިވެފައިވާއިރު މީގެތެރޭގައި ޢުމުރުން ދުވަސްވީ ހައިރިސްކް މީހަކުވެސް ހިމެނޭކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

ފައްސިވި މީހުންގެ ތެރެއިން ދެއަހަރުގެ ކުއްޖާ ފިޔަވައި ދެން ހިމެނެނީ އެހެން ގެތަކުގައި ދިރިއުޅޭ މީހުންނެވެ. ދެއަހަރު ކުއްޖާ އާއިއެކު ކަރަންޓީންވި އެއްވެސް މީހަކު އަދި މިހާތަނަށް ފައްސިވެފައެއް ނުވެއެވެ.

ކައުންސިލުން ވިދާޅުވީ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމަޢަށް ބަލި ފެތުރޭ ޙާލަތެއް އޮތުމުން މިހާރުން ފެށިގެން ޖަމާޢަތުގައި ނަމާދުކުރުމާއި ރަށަށް އަރާފޭބުންވަނީ މަނާކޮށްފައިކަމަށެވެ.

އެރަށުން ގިނަ ބަޔަކު ފައްސިވުމާއި ގުޅިގެން ދެއްވަދޫގައި އޮންނަ ކޮވިޑް ޓާސްކް ފޯހުން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުން އަންނަކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މާލޭގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ކައިވެނި ޕާޓީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވެސް ވަނީ 92 އަށް އަރާފައެވެ.