2014 ވަނަ އަހަރުގެ މާޗް މަހު ވީނުވީއެއް ނޭންގި ގެއްލިފައިވާ މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް-370 ގެއްލުނު ދުވަހު ދ.ކުޑަހުވަދޫ މީހުންނަށާއި ތ.ގާދިއްފުށީ މީހުންނަށް ފެނުނީ އެފްލައިޓް ކަމަށް ބާރުލިބޭ ހެކިތަކާއިއެކު ތައްޔާރުކުރި ދިރާސާ ރިޕޯޓެއް އާއްމު ކުރަން ތައްޔާރު ވެއްޖެއެވެ.

ޑިފެންސް، ސެކިއުރިޓީ އަދި އެއަރޮސްޕޭސްގެ މަސައްކަތްތައް ކުރާ އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ބީއޭއީ ސިސްޓަމްސްގެ ސީނިއާ ސިސްޓަމް އިންޖިނިއަރު ސާޖިއޯ ކަވައިއުއޯލޯގެ މި ހޯދުމުގައި ގެއްލުނު ފްލައިޓާއި ގުޅުން ހުރި ސެޓެލައިޓް ޑޭޓާތަކާއި ފާއިތުވި ހައަހަރު އެނައިޒްކޮށްގެން ފާހަގަކުރެވުނު ކަންކަން ހިމަނާފައިވެ އެވެ.

ދިރާސާ ތައްޔާރު ކުރަނީ ފާއިތުވި 30 އަހަރު ކޮމާޝަލް އަދި މިލިޓަރީ އެއަރޮސްޕޭސް އާއި ނެވިގޭޝަން އަދި ރޭޑިއޯ ކޮމިއުނިކޭޝަންގެ މަސައްކަތްތައް ކޮށްފައިވާ ކަވައިއުއޯލޯ ނަމަކަށް ކިޔާ ތަޖުރިބާކާރެކެވެ. ކަވައިއުއޯލޯގެ ދިރާސާ ރިޕޯޓް އަދި ނުނިމެއެވެ. ނަމަވެސް "މިހާރު" ނޫހުން ބުނާ ގޮތުގައި ރިޕޯޓްގައި ހުރި މައުލޫމާތުތައް ރިޕޯޓް ތައްޔާރުކުރި ކަވައިއުއޯލޯ ވަނީ އެނޫހާއި ހިއްސާކޮށްފައެވެ.

ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ފްލައިޓް ފެނުނު ކަމަށް ބުނާ މީހުންނާ ކުރިން އިންޓަވިއުކޮށްފައިވެ އެވެ. "އެ މީހުން ބުނެފައިވަނީ ބޯޓުގެ ކުލަ ވެސް ރީއްޗަށް އެނގޭ ކަމަށާއި ފިޔަގަނޑުތައް ރީއްޗަށް ފެނުނު ކަމަށެވެ. ގާދިއްފުށީ އަންހެނަކު ދިން އިންޓަވިއުގައި ބުނި ގޮތުގައި ރަށު މަތިން ދެތިން ބުރު އެ ބޯޓު ޖެހި އެވެ. ބޯޓު ދިޔަ މިސްރާބާއި އެހެން ތަފްސީލްތައް ވެސް އެ މީހާ ކިޔައިދެ އެވެ." މިހާރު ނޫހުގައި ބުނެފައި ވެއެވެ.

މެލޭޝިއާގެ ކުއާލަ ލަމްޕޫރުން ޗައިނާގެ ބެއިޖިން އަށް ދަނިކޮށް ގެއްލުނު ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދުތައް ބަލާފައި ވިޔަސް އާ ހޯދުމުގައި ބުނެފައިވަނީ ފްލައިޓް ދިޔައީ ދިވެހިރާއްޖެއާ ދިމާލަށް ކަމަށެވެ. ކުޑަހުވަދޫ މީހުންނަށް ބޯޓެއް ފެނުނު ކަމަށް ބުނާ ވަގުތާ، އެމްއެޗް-370 އެ ހިސާބަށް ދިޔަ ކަމަށް ސެޓެލައިޓް ޑޭޓާ އިން ދައްކާ ވަގުތާ ދިމާވާ ކަމަށް ރިޕޯޓާއި ހަވާލާދީ "މިހާރު" ގައި ބުނެފައި ވެއެވެ.

"ކަވައިއުއޯލޯ ވަރަށް ޔަގީންކަމާ އެކު ބުނެފައިވަނީ ބޯޓު ވެއްޓިފައިވާނީ ބޯޓު ހޯދަން ބެލި ސަރަހައްދުގެ އަނެއްކޮޅުން އެތައް ސަތޭކަ ކިލޯމީޓަރެއް ދުރަށް ކަމަށާއި ހޯދަންޖެހޭނީ އެ ހިސާބު ކަމަށެވެ. އޭނާ މިގޮތަށް ބުރަވާ ސަބަބުތައް ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ." މިހާރުގައި ބުނެފައި ވެއެވެ.

"އެ ބޯޓު އިންޑިއާ ކަނޑުގެ ދެކުނަށް ދަތުރެއް ނުކުރޭ. ސެޓެލައިޓްގެ ރޯ ޑޭޓާ އެންމެ ފުރަތަމަ އެނަލައިޒްކުރި އިރު، 'ޓައިމިން ޑޭޓާ' ނެގިފައިވަނީ ނުބައިކޮށް. ހޭންޑްޝޭކް އެކްސްޗޭންޖް (ސެޓެލައިޓާއި ބޯޓުން އެކަތި އަނެކައްޗަށް ސިގްނަލް ލިބެމުން ދިޔަ ގޮތް) ބަލާފައިވަނީ ނޭނގުމެއްގެ ތެރޭގައި ނުބައިކޮށް ނެގުނު ޑޭޓާ އަށް ބިނާކޮށް،" ކަވައިއުއޯލޯ ބުނެފައިވެ އެވެ.

އޭނާ ބުނީ، ވައިގެ ދަތުރުފަތުރުގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ އަޖައިބުކުރުވަނިވި މި ހާދިސާގައި ފްލައިޓް ހޯދަން ބެލި "ހަތް ވަނަ އާކް" ހިމެނޭ ސަރަހައްދުން ފްލައިޓް ނުފެނުނީ، ނުބައިކޮށް ނެގުނު މައުލޫމާތުގެ ސަބަބުން ކަމަށެވެ.

ފްލައިޓް ހޯދަން އޮސްޓްރޭލިއާއާ ދިމާލުން ބޭރު ކަނޑު ބެލި ނަމަވެސް މަތިންދާބޯޓެއްގެ އެއްވެސް އެއްޗެއް އޮސްޓްރޭލިއާ އަށް ލައްގާފައި ނުވާ ކަމަށާއި އެކަމަކު އެމްއެޗް-370 ގެ ބައިތައް ކަމަށް ބެލެވޭ އެއްޗެހި އިންޑިއާ ކަނޑުގެ ހުޅަނގުގައިވާ އެފްރިކާގެ ގައުމުތަކުން ފެނުނުކަން ކަވައިއުއޯލޯ ވަނީ ފާހަގަކޮށްފަ އެވެ.

ކަވައިއުއޯލޯ ބުނީ އިންމާސެޓް ސެޓެލައިޓް ޑޭޓާ އާއި، ބޯޓު ގެއްލުމަށް ފަހު ޖެހިގެން އަދި ދުވަހުގެ ހެނދު 6:00 ހާއިރު ރާއްޖޭގެ ސަރަހައްދަކުން ގޮތް ނޭނގޭ ބޯޓެއް ފެނުނު ކަމަށް ބުނާ ވާހަކައާ ދިމާވާ ކަމަށެވެ. ނަމަވެސް އެ ބޯޓު ރާއްޖެއާ ހިސާބަށް އަންނަން ފުދޭ ވަރަށް އޭގައި ތެޔޮ ނުހުންނާނެ ކަމަށް ބުނެ، ރާއްޖެ ސަރަހައްދަށް ބޯޓު ނުދާނެ ކަމަށް ވަގުތުން ކަނޑައެޅިކަން ކަވައިއުއޯލޯގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ރާއްޖެ ސަރަހައްދަށް އަންނަން ބޭނުންވާ ވަރަށް ބޯޓުގައި ތެޔޮ ނުހުންނާނެ ކަމަށް ބުންޏަސް ބޯޓު ވެއްޓިފައި އޮވެދާނެ ކަމަށް ބަލައި ބެލި ސަރަހައްދު އަދި މާ ދުރެވެ.

ކަވައިއުއޯލޯ ބުނީ އޭނާގެ ހޯދުމުން ދައްކަނީ މާޗް 8، 2014 ގެ ހެނދުނު ރާއްޖޭ ގަޑިން 6:33 އެހާއިރު އެމްއެޗް-370 ރާއްޖެ ސަރަހައްދުގައި އޮތް ކަމަށެވެ.

"ދެކުނު އިންޑިއާ ކަނޑަށް ބޯޓު ވެއްޓުނު ކަމަށް ގަބޫލުކުރި ތިއަރީއާ ފުށުއަރާ ކޮންމެ ވާހަކައެއް އޭރު ދިޔައީ ދޮގުކުރަމުން. އެއީ އޭރު ވެސް އެ މީހުން ތައްޔާރުވަމުން ދިޔައީ ދެކުނު އިންޑިއާ ކަނޑުގެ ސަރަހައްދު ބަލަން. އެކަމަކު އަލަށް މި ނެރޭ ރިޕޯޓާ އެކު ވިސްނުން ބަދަލުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރަން،" ކަވައިއުއޯލޯ ބުންޏެވެ.

ކަވައިއުއޯލޯ ވަރަށް ޔަގީންކަމާއިއެކު ބުނެފައި ވަނީ "އެ ފްލައިޓް ދިޔައީ ރާއްޖޭ ސަރަހައްދުންކަމާ މެދަކު އޭނާ އަށް ޝައްކެއް ނެތެވެ. ފްލައިޓް އޮންނާނީ ރާއްޖޭން ފުރައިގެން ގަޑިއެއްހާއިރުން ދެވޭ ހިސާބު ދުރުގައި ކަމަށް ކަވައިއުއޯލޯ ޔަގީންކަމާ އެކު ބުނެއެވެ.

227 ފަސެންޖަރުންނާއި 12 ކްރޫންނާއިއެކު ދަތުރު ކުރި ފްލައިޓް ހޯދަން ކުރި މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ އެފްލައިޓް ހޯދަން މިހާރު އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަދި ފްލައިޓް ހޯދަން އިތުރު މަސައްކަތެއް ކުރިއަށް އޮތްތަނުގައި ކުރަން ރޭވިފައެއް ވެސް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިލާ

    ގޫގަލް ލޫނާއިން ރާއްޖޭގެ އެއަރސްޕޭސް ވައިލޭޓު ކުރީމާ އަޅާނުލިތަނެއްގެ މުޅި ޓެރިޓޯރިއަލް އިންޓެގްރިޓީ އަށް ބަޔަކު ވަދެގަންނަންވެސް އޯކޭ ކުރަން ތައްޔާރުވަނީ!

  2. ކިނބޫ

    ކުޑަހުވަދޫ ކުދިން ރޮއްވާލަާހައި ތިރިން އޭތި ދިޔައީ. އެހެންވީމައި މި ރިޕޯޓް ހަދަން ލަސްވެއްޖެ

    12
  3. ވަހުތާނު އަހުމަދު

    ރާ އްޖޭގެމަސްވެރިންތިކަމާ އިސްނަގަންވެ އްޖެ.
    އިންސާނި އްޔަތުކަމަށްޓަކާވެސް ދިވެހިމަސްވެރިން ތިކަމާ އުޅެންފެނޭ..

  4. ކުޑަހުވަދޫ

    ހީވޭ ކަމެއްހެން ކުޑަހުވަދޫ މީހުންނަށް ޖޯކު ޖެމީހުންނަށް ލޮލް. މަވެސް ދެކުނިން ވަރަށް ތިރިން ދިޔައީ.

    13
  5. ހުސޭނުބޭ

    ދިވެހިން ގަރުދިޔަ ކާތީ ބުނި އެއްޗެއް ޤަބޫލުނުކުރީ! މިހާރު ތިޖެހުނީ ކޮންތާކު؟

  6. އަޕުނާ

    ކަލޯ ގެ ތިއަރީ އާއި ކުޑަ ހުވަދޫ ގެ ތިޔަރީ ދިމާވޭ

    10
  7. އަބްދޫ

    ބޯޓް ހައިޖެކް ކޮށްގެން ޑީއޯ ގާސިޔާ ފޯޅުވައްސަށް ގެންދިޔަކަމަށް ތުހުމަތުކުރެވޭ.ޢޭރުގެ ރިޕޯޓް ބުނިގޮތުން 3ދުވަސްވީއިރުވެސް އެބޯޓްގައިވާމީހުންގެ ފޯނުތަކަށް ގުޅުމުން ރިންގުވިކަމަށް ބުނެފާވޭ.ގުޅެނީ ސެޓެލްއިޓް ފޯނަށް ވުމުން އެބޯޓް ހިކިފަސްތަނެެއްގަ އޮތް ކަމަށް ގަބޫލުކުރެވޭ.މިބޯޓްގާ ޗައިނާގެ ސައިންޓިސްޓުން ތިބުމުން ބޯޓް ވަގަށް ނެގީ.ނުބައިސަތަހައްދެއް ހޯދީ ގަސްދުގާ ކަމަށް ލަފާވޭ.