މިއަހަރުގެ މިހާތަނަށް 20،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައިސްފައިވަނީ، 20،612 ފަތުރުވެރިންނެވެ. އޭގެ ތެރެއިން އިއްޔެ އައިސްފައިވަނީ 2،526 ފަތުރުވެރިންނެވެ. މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ 4،195 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އަހަރުވެސް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ރަޝިއާއިންނެވެ. އެގޮތުން އެގައުމުން 5،331 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ 1،816 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން އައިސްފައިވަނީ ޔޫކްރޭން އާއި ކަޒަކިސްތާނާއި އިނގިރޭސިވިލާތުންނެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖޭގެ، 13 އަތޮޅެއްގެ 44 ރަށެއްގައި 282 ގެސްޓް ހައުސްއެއް ހުޅުވައިގެން ހިދުމަތް ދެމުން ގެންދެއެވެ. އަދި ރާއްޖޭގެ 141 ރިސޯޓަކާއި މެރީނާއެއް ހުޅުވައިގެން ހިދުމަތް ދެމުންގެންދާއިރު، 11 ހޮޓަލަކާއި 131 ސަފާރީއެއް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ސަރުކާރާއި ގުޅުން ހުރި އިދާރާތަކުން ދަނީ ގިނަ ގުނަ މަސައްކަތަކެއް ކުރަމުންނެވެ.

އެގޮތުން އަންނަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީ އެކަމާއި ގުޅޭ ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.