އިިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކްރިމިނަލް ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ހަ މީހުން ދޫކޮށްލައިފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ދިޔަ ވަގުތު އެ ކޯޓުގެ ސަރަހައްދަށް އެމަނިކުފާނުގެ ވަރަށް ގިނަ ސަޕޯޓަރުން ޖަމާވެ އެބަ ތިއްބެވެ. އޭގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ޔަޤީންކޮށްދީފައެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ތިން އަންހެނުން ވެސް ހިމެނޭ އިރު ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރު ފާތިމަތު ފަޒުލާއާއި ކައުންސިލް މެންބަރު ސޫދާ އަބްދުﷲ ހިމެނެއެވެ. އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

އެ މީހުން ހައްޔަރު ކުރި ފުލުހުން ކޯޓު ސަރަހައްދު ބަލަހައްޓަމުން ދަނިކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުނ ބުނި ނަމަވެސް ޕީޕީއެމް އިން ވަނީ މީހުން ހައްޔަރު ކުރަން އެކަށީގެން ނުވާ މިންވަރަށް ބާރު ބޭނުން ކުރި ކަމަށް ބުނެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށްދާ ކޮންމެ ދުވަހަކު ވެސް އެމަނިކުފާނުގެ ސަޕޯޓަރުން އެ ސަރަހައްދަށް ޖަމާވެއެވެ. ރައީސް ޔާމީން މިހާރު ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެއީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އެމަނިކުފާނު މިނިވަން ކުރަން ގޮވާލައި ސަޕޯޓަރުން ވަރަށް ގިނަ އިހުތިޖާޖްތައް ބާއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު