ތ. ބުރުނީގައި ކަރަންޓީނުގެ އުސޫލާ ހިލާފުވެފައިވާ މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އެކަމާއި މެދު މައުލޫމާތުދެއްވަމުން ފުލުހުންގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ އެ މައްސަލަ ބަލަން ފެށި ނަމަ ވެސް އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ފުލުހުން މިހެން ވިދާޅުވެފައި ވާއިރު އެނގިފައިވާގޮތުން ކަރަންޓީނު އުސޫލާއި ހިލާފުވީ މީގެ 2-3 ދުވަސް ކުރިން އެ ރަށަށް ދިޔަ އެ އަތޮޅު އެހެން ރަށެއްގެ މީހެކެވެ. ކަރަންޓީނު އުސޫލާއި ޚިލާފުވާ މީހުންގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. އެހެންނަމަވެސް ކަރަންޓީނަކީ ފަރުދީ ޒިންމާއެއް ކަމަށް ދީގެން އެކަން ކުރުމަށާއި، އެއީ އަދަބެއް ދީގެން ހައްލުކުރެވޭ ކަމަކަށް ނުހެދުމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގްރޭޓަރ މާލޭ ސަރަޙައްދުން ރަށްރަށަށް ދާ މީހުން ކަަންޓީނުވާން ޖެހޭ ގޮތަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. އެންމެ ފުރަތަމަ އެގޮތަށް ކަރަންޓީނު ކުރީ 14 ދުވަހެވެ. މިހާރު ކަރަންޓީނު ކުރަނީ 10 ދުވަހެވެ.
ކަރަންޓީނު އުސޫލާއި ޚިލާފުވެގެން ފުވައްމުލަކުން ވެސް ބަޔަކު ހައްޔަރު ކުރިއެވެ. އަދި ބައެއް މީހުން ކަރަންޓީނުގެ އުސޫލާއި ޚިލާފުވެފައި ވަނިކޮށް ފައްސިވުމުގެ މައްސަލަ ވެސް ފެންމަތިވެފައި އެބަހުއްޓެވެ.

އެގޮތުން ނ.އަތޮޅު މަނަދޫން ކޮވިޑް-19 އަށް ފައްސިވި މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު ހުރީ އިތުރު ފަސްމީހުންނާއި އެކު ލަނޑާ ނަގަން ގޮހެވެ.

ކިޔުންތެރިންގެ ހިޔާލު