މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 52 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 11 މީހުން ފައްސިވީ މާލެ އިންނެވެ.

މިއަދު އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ރިސޯޓްތަކުންނެވެ. މިއަދު ރިސޯޓްތަކުން ފައްސިވި މީހުންގެ އަދަދު 34 އަށް އަރައެވެ. ރިސޯޓްތަކުގެ އިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުން މިއަދު ހަމީހުން އަދި ސަފާރީއަކުން އިތުރު މީހަކު މިއަދު ވަނީ ފައްސިވެފައެވެ.

މިއަދަކީ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު 52 މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 2568 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންްނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 41 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. ނަމަވެސް މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު އެކްޓިވް ކޭސްތަކުގެ އަދަދު ކޮންމެ ދުވަހަކު ވެސް އަންނަނީ އިތުރު ވަމުންނެވެ. މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 705 އަށް އަރައެވެ. އޭގެ ތެރެއިން 41 މީހަކު ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

ރިސޯޓްތަކުން ކޮވިޑް-19 އަށް ފައްސިވަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު އެޗްއީއޯސީ އިން ރޭ ވިދާޅުބެފައި ވަނީ މިހާރު ފަތުރުވެރިން އަންނަ އަދަދު އިތުރުވަމުން ދާތީ ރިސޯޓްތަކުން ފައްސިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކުރިން ވެސް ލަފާކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯދަ މުބާރިކް

    ރިސޯޓް ތަކުން މި ބަލި އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ! ރިސޯޓތައް ހުޅުވުނަ ވަރަށް ރަނގަޅު!! އެހެންނަމަވެސް މި ބަލީގެ އެންމެ ރައްކާތެރި ފިޔަވަޅު ރިސޯޓް ތަކުގައި އެޅިފައިވެޔޭ ނުދެންނެވޭނެ!

    މާދަމާ ސްކޫލް ހުޅުވެނީ! މި ކޮވިޑް ގިނަވުމަށް ވިސްނުން ރަނގަޅު މި އަދު!