ސިއްހީ ފިޔަވަޅުތަކާއި އެކުވެސް ގައުމުގެ ހުރިހާ ކަމެއް ހިނގަން ޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރު މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަހްމަދު އަބްދުﷲ މިހެން ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެޅިފައިވާ ސަލާމަތީ ފިޔަވަޅުތަކާއި އެކު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށުމަށް ހަމަޖެހިފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

އަހްމަދު އަބްދުﷲ ވިދާޅުވީ ސްކޫލްތަކާއި ކޮލެޖްތަކުގެ އިތުރުން އާންމު ހިދުމަތް ދޭ ތަންތަން ހުޅުވާލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެފަދަ ތަންތަނުންދޭ ހިދުމަތްތަކަށް ބުރުނާރާނެ ފަދަ ގޮތަކަށް ގައުމު ހުޅުވާލުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

"ސިއްހީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއި އެކު ގައުމުގެ ހުރިހާ ކަންކަން ހިނގަންޖެހޭ. ސްކޫލްތައް ހުޅުވާ އާންމު ހިދުމަތްތައް ކުރިޔަށް ގެންދަން ޖެހޭ" އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވާއިރު ކުރިއަށް ގެންދާނީ މިދިޔަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުމެވެ. އެއީ ބޭބީ ނާސަރީއިން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުނަށް ކަމަށް ވެސް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ އަހަރުގެ މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައި ކިޔަވައިދޭން ފެށީ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މާލޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިޔައެވެ.

ސަލާމަތީ ފިޔަވަޅުތަކާއި އެކު މިއަދު ކިޔެން ފަށަން ނިންމާފައި ވާއިރު ކޮންމެ ދުވަހަކުވެސް އެއް ގަޑއިރު ކުދިންގެ ހުން ބެލުމާއި އަތްދޮވުމާއި ފިޒިކަލް ބައެއް ހަރަކާތްތަށް ކުރިޔަށް ގެންދިއުމަށް މިނިސްޓްރީއިން ވަނީ ސްކޫލްތަކަށް އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 😞😞

    އަސްލުވެސް

  2. ގުއިދައިތަ

    ސައިކަލު ދުއްވަމުން ފޯނުން ވާހަކަ ދައްކަން ވެސް ޖެހޭ ދެއްތޯ؟؟ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެކޯމީ!! އަމިއްލައަށް ހަދާ ޤާނޫނުތަކަށް ބޯނުލެބޭ މީހުން މީ. ސައިކަލުގަ ދުއްވަމުން ފޯނުން ވާހަކަދެއްކުމަކީ މީނާގެ އާންމުކަމެއް.

  3. ސައިބޯނި

    ކޮވިޑަކީ އެއްވެސް އެއްޗެއްނޫންކަމަށާއި އަތްދޮވެގެން އުޅުނީމަ ކޮވިޑް ނުޖެހޭނެކަމަށް ބުނީވެސް މަސްޖިލިސް މެމްބަރުން. މިހާރު ކިހިނެއްވެގެން ތިޔައުޅެނީ