ޓޫރިސްޓު ރިސޯޓުތަކުން ގިނަ އަދަދަކަށް ކުނި އަޅަމުންދާ މައްސަލައާއި ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފަންޑް ކުރަން ނިންމާފައިވާ މައްސަލައަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމާ ގުޅޭ އިދާރާތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ނިންމައިފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރިސޯޓްތަކުން ކުނި އަޅަމުންދާ މައްސަލައިގައި އެންވަޔަރަމެންޓް މިނިސްޓްރީއާއި، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި، ޓޫރިޒަމް މިނިސްޓްރީއާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ އިންޑަސްޓްރީ (މަޓީ) ގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ނިންމެވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޑީބީއިން ފަންޑު ކުރުމަށް ނިންމާފައިވާ މައްސަލައާ ގުޅޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، އިކޮނޮމިކް މިނިސްޓްރީއާއި، ފެނަކަ ކޯޕަރޭޝަންއާއި، ސްޓެލްކޯ، އަދި ތިމާވެއްޓާ ބެހޭ މާހިރުންނާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ވެސް ކޮމިޓީއިން ފާސްކޮށްފައިވެއެވެ.

ދެހާސްނަވާރަވަނަ އަހަރުގެ މެއި މަހުގެ ފަހުކޮޅު ހުވާކުރި ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް އައި ފަހުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ގެންދަވަނީ ރާއްޖޭގައި ހިނގާ ގިނަ މައްސަލަތައް ދިރާސާކޮށް ކަމާ ބެހޭ އިދާރާތަކަށް ރެކޮމެންޑޭޝަންތައް ދެމުންނެވެ. މި މައްސަލަތައް ދިރާސާކުރުމަށް ކޮމިޓީތަކަށް ކަމާ ބެހޭ އިދާރާތަކުގެ އިސް ވެރިން ހާޒިރުކޮށް ޖަވާބުދާރީކުރުވާފައި އެބަހުއްޓެވެ.

މީގެ ކުރީގެ މަޖިލިސްތަކަށް ވުރެ ބޮޑަށް މި މަޖިލީހުގައި މި މަސައްކަތް ކުރެވެމުންދާއިރު، މަޖިލީހުގެ ގާނޫނީ އިމުގެ ބޭރުން ވެސް މައްސަލަތަކުގެ ތެރެއަށް ވަންނަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.