ޏ. ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅުނު 12 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މި ކުއްޖާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ 5:00ހާއިރު އެވެ.
މި ކުއްޖާ ގެއްލުނީ "މާނޭރާ"ސަރަހައްދަށެވެ. މީގެ ކުރިން މި ސަރަހައްދަށް ޑޮކްޓަރަކުވެސް ގެއްލުނެވެ. އަދި މިއަދާއި ހަމައަށްވެސް އޭރު ގެއްލުނު ޑޮކްޓަރު ފެނިފައެއް ނުވެެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، މާނޭރާ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 12 އަހަރުގެ ކުއްޖަކު ގެއްލިފައިވާކަމަށް މިއަދު 16:47 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އެ ކުއްޖާ ހޯދުމަށް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން އެތަނަށް މިއަދު އެގަޑީގައި މޫދަށް ދިޔަ ތިން ކުއްޖަކު ގެއްލުނެވެ. އޭގެ ތެރެއިން ދެ ކުއްޖަކު ވަނީ ސަލާމަތްވެފައެވެ. އެ ކުދިން ތިބީ ފަރުމައްޗަށް އަރައެވެ.
ފުލުހުން ވިދާޅުވީ، އެ ކުއްޖާ މޫދު އަޑިން ފެނިފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ފެނިފައި ވަނީ މިއަދު 17:50 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.