ލ. ފޮނަދޫން އިން ކޮވިޑް-19 އަށް 4 މީހަކު ފައްސިވުމާއި ގުޅިގެން އެރަށާއި ގުޅިފައިވާ ގަމު ހިމެނޭ ގޮތަށް ހުރިހާ ސްކޫލްތަކެއް ބަންދު ކޮށްފިއެވެ.

ބަންދު ކޮށްފައިވަނީ ފޮނަދޫގައި ހުންނަ އަތޮޅު ސްކޫލާއި ގަމުގައި ހުންނަ މުކުރިމަގު ސްކޫލް، ހަމަދް ސްކޫލްގެ އިތުރުން އިހައްދޫ ސްކޫލެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ހަމަދް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތު ވިދާޅުވީ، ސްކޫލްތައް ބަންދު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިން ނިމެންދެކަށް ސްކޫލްތައް ބަންދު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވަނީ ރައްކާތެރިކަމަށް ބަލައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުތަކުގެ މަތިންނެވެ.

ޝައުކަތު ވިދާޅުވީ، އެރަށުން ކޮވިޑް-19ގެ ވޭދަނަތަކެއް ފެނިފައިވާ މި ދަނޑިވަޅަކީ ސްކޫލްތަކަށް ކުދިން ކިޔަވަން އަންނަން ބޭނުންވެ، މާދަމާ ސްކޫލްތައް ހުޅުވުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއް ކަމުން ކުދިން މާޔޫސް ވެފައިވާ ކަން އެނގޭ ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސް އަކީ ހުރިހާ ދަރިވަރުންވެސް އަންގާފައިވާ އިރުޝާދުތަކަށް ބޯލަނބައި ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅުން" ޝައުކަތު ވިދާޅުވިއެވެ.

ފޮނަދޫއިން ކޮވިޑް-19އަށް ފައްސިވެފައި ވަނީ އެއް އާއިލާއެއްގެ ހަތަރު މީހެކެވެ. އެއީ އަންހެނަކާއި، އޭނާގެ ތިން ދަރިންނެވެ.

މި އެންމެންނަކީވެސް ގއ. ދެއްވަދޫން އެރަށަށް ދިޔަ ހަތަރު މީހެކެވެ. އެ މީހުން އެރަަށަށް ދިޔައީ ޑިސެންބަރު 27 ވަނަ ދުވަހު އެވެ.

އެ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓު ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާލުފޮޅި

    އެންމެ 4 މީހުން ޕޮސިޓިވް ވެގެން ބޮޑު ރަށެއްގެ ސްކޫލްތަށް ބަންދު.. މިއޮއް ތޮއްޖެހިފަ އޮތް މާލެއިން ވިހި ތިރީސް މީހުން ޕޮސިޓިވް ވިޔަސް ސްކޫލް ތައް ހުޅުވާ.. މިދެން އަޖައިބެއް...

    4
    2
    • Anonymous

      އަަސްުލުވެސް

  2. 😒

    އަސްލުވެސް