ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ތިން ކުދިންގެ ތެރެއިން ނިޔާވި އަޙުމަދު ފައުޒާން އަކީ އެންމެނާވެސް ގުޅިގެންއުޅޭ، ސްކޫލް ދަރިވަރުންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި އެއީ ސްކޫލަށް ނުހަނު މުހިއްމު، އަޚުލާގު ރަނގަޅު ދަރިވަރެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވީ ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުން އައި ދަރިވަރު އަހުމަދު ފައުޒާން މިއަދު ނިޔާވުމާ ގުޅިގެން ފައުޒާންގެ ލޮބުވެތި އާއިލާއަށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީގެ އިސްވެރިންނާއި، އެންމެހާ މުއައްޒަފުންގެ ނަމުގައި އިޚްލާސްތެރި ތަޢުޒިޔާ ދަންނަވައި ނެރުއްވި ބަޔާނެއްގައެވެ.

މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި މަރުހޫމްގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރާކަމަށެވެ. އަދި މި ފުން ހިތާމައިގައި އެޑިއުކޭޝަން މިނިސްޓްރީގެ އެންމެހާ މުވައްޒަފުން ބައިވެރިވެ، މަރުޙޫމްގެ ޢާއިލާއާއި އެކުވެރީންނަށް ކެތްތެރިކަން ދެއްވުންއެދި މާތްﷲގެ ޙަޟުރަތުގައި ދުއާ ދަންނަވާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ފަހު ވަގުތު ވެސް ފައުޒާން ދައްކުވައިދިނީ މަތިވެރި ހިތްވަރެއް ކަމަށެވެ. "މާތް ﷲ މަރްޙޫމް ފައުޒާންއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

ބައެއް މީހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި ފައުޒާން ގެނބުނީ ގެނބުނު ދެކުއްޖަކު ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައެވެ. ފައުޒާން ފިޔަވައި ދެން ގެނބުނު ދެކުދިން ވަނީ މިހާދިސާ އިން ސަލާމަތް ވެފައެވެ. އެއިން ކުއްޖެއްގެ ފުރާނައަށް ނުރައްކާވާވަރުގެ ހާނިކައެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އޭގެތެރެއިން އެކުއްޖަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހަވީރު 16:47 ކަންހާއިރު އެވެ. އޭނާ ފެނުނީ 17:50 ކަންހާއިރުއެވެ. ފައުޒާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.