އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ކޮންޓްރޯލް "ޖަހައިގަންނަން" ބޭނުންވާ "ބާޒުތަކަށް" ފާރަވެރިވާނެ" ކަމަށާއި އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު އެ ކޯލިޝަންގެ ލީޑާޝިޕްއަށް އެބަ އޮތް ކަމަށް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެކްޓިން ލީޑަރު އަދުރޭ މިހެން ވިދާޅުވީ، "ޕީޕީއެމްގެ އެތެރެ އޮތީ ބައިބައިވެފައި، ލީޑާޝިޕްއަށް ރައީސް ޔާމީން އިތުބާރު ނުކުރައްވާ،" މިފަދަ ސުރުޚީއެއްގައި ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމެއް ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.

އަދުރޭ ކުރެއްވި ޓްވީޓްގައި އެ ލިޔުން ސިފަ ކުރައްވާފައިވަނީ ޕީޕީއެމްއާއި ޕީއެންސީ ބައިބައި ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އެއީ ބޭކާރު މަސައްކަތެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ފުރިހަމަ އިތުބާރު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕަށް އެބަ އޮތް، މިތިބީ ވަރަށް ރަނގަޅަށް ލޯ ހުޅުވައިގެން ބާޒުތަކުގެ ހަރަކާތްތަކަށް ފާރަވެރިކަމާއެކު ބަލައިގެން،" ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ ހޭޝްޓެގަކާއެކު ކުރެއްވި ޓްވީޓްގައި އަދުރޭ ލިޔުއްވާފައިވެއެވެ.

މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ވަނީ ޖަލަށް ވަޑައިގަންނަވަން ޖެހުމުގެ ކުރިން އެމަނިކުފާނު ލީޑް ކުރައްވާ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީގެ މެންބަރުންނަށް އިލްތިމާސްތަކެއް ކުރައްވައިފައެވެ. ފުރަތަމަ ކަމަކަށް އެ ޕާޓީއަށް ހެޔޮ ނޭދޭ "މިނިކާ ބާޒުތަކެއް" ޕާޓީއަށް އޮތް ސަޕޯޓް ފެނި ޕާޓީގެ ލީޑާޝިޕް ހޯދަން އުޅޭނެ ކަމަށާއި އެ ފުރުސަތު ނުދެއްވުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވާފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އިސްތިއުނާފް ޝަރީއަތް މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގައެވެ. ޙުކުމް ކުރުމުގެ އަޑުއެހުން ވަނީ އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތު ކުރައްވައި އިތުރު ދެ ދައުވާއެއް ވެސް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާއިރު އެ ދައުވާތަކުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. ރައީސް ޔާމީން ލީޑް ކުރައްވާ ކޯލިޝަނާއި އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނެއް ގަބޫލު ކުރަނީ މިއީ އެމަނިކުފާނުގެ މައްޗަށް ކުރާ "ނުހައްގު" ދައުވާތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބީ ތާނު

    ބާޒު ތައް ހިފާ ހައްޔަރުކޮށް ޓިނު ޖަހާފައި ބަހައްޓާނީ!

    18
    6
  2. އަދުރޭ

    ޕީޕީއެމް ބައިބައި ކޮއް ހުރިހާ ސަކަރާތެއް ތިޖަހަނީ އަދުރޭ އިސްވެ ހުރެގެން.ރަށު ސްޓިއަރިން ކޮމިޓީ ހެދި އިރުވެސް ބައެއް ރަށްރަށް ވަރަށް ތަފާތު ކޮއް މަސްލަހަތު ގެއްލޭ ކަންތައް ކޮށް ޕާރޓީ ބަލިކަށިވެގެން ދާއިރުވެސް އާންމު މެމްބަރުން ގެ އަޑު ނާހާ ތި ހުންނަނީ ވެސް ރައީސް ޔާމީން އަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން ތޯ؟އަދުރޭ ތި ހެއްދި ކޮމެޓީ އަދި އަދުރޭ ގެ ފަހަތުގަ އަހަރުމެން މަސަތްކަތް ކުރާކަށް ނެތިން.ރައީސް ޔާމީން މިހާރު އަދުރޭ މެންނަކަށް އިތުބާރު ނުކުރޭ.އެއީ ހަގީގަތް

    2
    1
  3. ޢަފްލާ

    އެމްޑީޕީ އޮތީ ކުނިވެ ފުޅައަޅާފަ އޮއްވާ ވަގައް ވެރިކަން ހީދީ ރިޝްވަތުގެ ފައިސާ ބަހައިގެން ކޮބާ އިބޫސޯލިހުއަށް އަދީބް ދިން 37 މިލިއަން ރުފިޔާ ބުނެބަލަ

    3
    1
  4. ށުކުރު

    ޖަމީލް އަށް ތަ ތި ރައްދު ކުރަނީ .. ޖަމީލު އަކީ ޔާމިން އަށް އެއްމެ ވަފާތްތެރި މީހާ

  5. އަރާއިރު

    އަދުރޭ ކަލޭ ރަށު އޮފީސް ހިންގަންވެސް ކަމަކުނުދޭ...ގަމާރުކަން އިންތިހާ....ޚިޔާނާތާއި ވައްކަން އިންތިހާޔަށް ގޮސްފައި ހުރި ޖާހިލެއްތީ....

    2
    1
  6. ލަތީ

    ބަލަ އަދުރޭ ކަލޭ ތިފެށީ ރައީސް ކަމަށް އަންނަން ދޯ ތިކަމެއް ނުވާނެ ސޯލިހު ނުކިޔަވާ މީހަކަށް ވެހުރެ ވެރިކަން ލިބުނަސް ކަލޭ އަކަށް ނުލިބޭނެ ކަލޭ އަތުގަ އޮތީ ކާތިބު ކަމުގެ ސަނަދު ގަނޑެއް އެވަރު މީހަކު ތިއުޅެނީ ވެރިކަމަށް ދަހިވެތި ވެގެން. ކަލޭ މިނިކާ ބާޒުންނޭ ކިޔާފަ ތިދިމާކުރަނީ މި ގައުމުގަ އިލްމީ ގޮތުން އަދި އެހެނިހެން ގޮތްގޮތުން އެއްމެ ފުންނާބު އުސް ތިންބެއިފުޅުން. ކަލޭގެ ލަދުހޔާތުގެ ކަންފުޅެއް ވެސްނޭތޭ އަހަރެމެން މިތިބީ ހައިރާންވެފަ ކަލޭގެ ނާގާބިލު ކަމުގެ ސަބުން ރ ޔާމިން މިއަދު ޖަލުގަ އޮންނަންޖެހުނީ. ކަލޭ ޕީޕީއެމް ކޯލިޝަނުން ވަކިކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދޭ!

    1
    2
  7. އުމަރު

    އެންމެބޮޑު ބާޒަކީ އަދުރޭ، ޕީޕީއެމްގެ ވަރައް އިސްފަރާތެއް މައުލޫމާތުދިން ގޮތުގައި އަދުރޭވެސް ބޭނުންވަނީ ޔާމީން ޖަލުގަބާއްވައިގެން ލީޓަރަކަށްވެގެން ހުންނަން، ޕޯޑިޔަމްތަކުގަ ހަޅޭލަވަނީ ހަމަދަޅަދައްކަންކަމާ ޔާމީނު މިނިވަންކުރަން ބޭނުންނުވާކަމައް އަދުރޭބުނި

    5
    1
  8. އަމީރު

    ބާޒު ތިޔަބައިގަނޑު ޖަހައިގަންނާކަށް ނުޖެހޭނެ. ތިޔަބައިމީހުން ޖެހޭނީ ބާޒު ފަހަތުން ދުވަން. 2023 ގެ އިންތިޚާބުގައި ޔާމީނު ކުރިމަތި ނުލާނަމަ ދެން ރައްޔިތުން ބަލައިގަންނާނެ މީހަކު ތިޔައިގެ ތެރެއަކު ނުހުންނާނެ. އަމުދުން ދެން ރައްޔިތުން މައުމޫނު އާއިލާގެ މީހަކު ބަލައެއް ނުގަންނާނެ.

    3
    2
  9. ކަރީމް

    އަދުރޭއެވެ. ގަދަބަސް ނުބުނެ އަލަށް ގުޅެން ބޭނުންވާ މީހުންނަށްވެސް ފުރުޞަތުދީ ޕާޓީކުރިއަރުވަން މަސައްކަތް ކުރާށެވެ. އިހަށްވެސް ޕާޓީ ނިކަމެތިވީ ތިހެން ގަދަބަސްބުނެ ރިޝްވަތުގެ މީހުންނަކީ ވަފާތެރިންކަމުގައި ބަލައިގެންނެވެ. ޕާޓީ ކުރިއަރައިދާނީ ޢިލްމާއި ތަޖްރިބާއާއެކުގައެވެ. ބައެއް މީހުން ހީކުރަނީ މާދިގު ދުލެއްއޮވެ ބޮޑުބަސްބުނެ އަބަދު ހުޝާމަދުކުރީމާ އެއީ ރައީސް ޔާމިނަށް ހެޔޮ އެދެވުނީކަމުގައެވެ. ބައެއް އަނބެއްކަމަށް ދައްކަން ވެގެން ކިތައްމެ މޮޅު ވާހަކައެއް ދެއްކިޔަސް ދުބުރިއަކަށް ދޮންއަނބެއްގެ މަޤާމަކަށް ނާދެވޭނެއެވެ. އެހެންކަމުން ޕާޓީއަށް ވަރުގަދަ ދޫހިނގާ ޢިލްމީ ސިޔާސީ މުދައްބިރުން އަންނަން ބޭނުންވީމާ އެކަމަށް ހުރަސް އަޅާނަމަ ދުވަހަކުވެސް ޕީޕީ އަދި ޕީއެންސީ އަކަށް ކުރިއަކަށް ނުދެވޭނެއެވެ. ރައީސް ޔާމީންގެ ހިތްރުއްސަންވެގެން ނޭވަޔަކު ދެކޮޅު ހުޝާމަދުކުރިޔަސް ޔާމީނަށް އެންމެ ކަމުދާ މީހަކަށް ނުވާނެއެވެ. އެހެންކަމުން މިކަމާ ވިސްނާ ދުލުން ބަހެއްބުނާއިރު ނިކަން ރަނގަޅަށް ވިސްނާށެވެ. އަދި ކޮންމެ މީހަކުވެސް ބޮޑުބަސް ބުނާއިރި ތިމާގެ ފެންވަރާ ބުންވަރާ ވަނަވަރާ ދޭތެރޭގައި ވިސްނާލުންވެސް ބުއްދިވެރިއެވެ.

  10. އަލްޖިބްރާ

    އަދުރޭއަކީ ތިޔަ މިނިކާ ބާޒުތަކުތެރޭން އެއްބާޒު !

  11. ޝޮކްތެރަޕީ

    ސިޔާސީ ދައީރާގަ އުޅެ އެހެންމީހުންނައްވުރެ އަދުރޭމެންގެ ޤަައުމީލޯބި އެބަފެނޭ.

    1
    1