ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުކަން ކިޔެވުމަށް ފަހު ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިންޓާންޝިޕް ނުވަތަ ތަމްރީން ދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރުސަތު ހުޅުވާލައިފިއެވެ.

ޖޭއެސްސީއިން ކުރި އިއުލާނެއްގައިވާ ގޮތުން މި ފުރުސަތު ހުޅުވާލާފައިވަނީ ތިން ވަކީލަކަށެވެ. އެ ފުރުސަތު ބޭނުންވާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަަށެވެ.

މި ކަމަށް އެދި ހުށަހަޅާ ފޯމު ޖޭއެސްސީގެ އޮފީސް ހިންގާ ހ. ސަކީނާމަންޒިލްގެ ގްރައުންޑް ފްލޯއަށް ހުށަހެޅޭނެ ކަމަށް އިއުލާނުގައިވެއެވެ. ނުވަތަ އެ ކޮމިޝަންގެ މެއިލް އެޑްރެސް، [email protected] އަށް ހުށަހެޅޭނެއެވެ. މި ފޯމް ޖޭއެސްސީގެ ވެބްސައިޓް، www.jsc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި އެ ކޮމިޝަންގެ ކައުންޓަރުން ވެސް ލިބެން ހުންނާނެއެވެ.

މި އިންޓާންޝިޕަށް ކުރިމަތިލެވޭނީ ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ 21 އަހަރު ފުރިހަމަވެފައިވާ ދިވެހިންނަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު ޖިނާއީ ބޮޑު ކުށެއް ކުރި ކަމަށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް އިއުލާނުގައިވެއެވެ.

މި ކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ލިޔުމުން އަންގާނެ ކަމަށް އިއުލާނުގައިވެއެވެ. ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމަކުން އެއްވެސް އެއްޗެއް ނާންގާނެއެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ނަންތައް ޖޭއެސްސީގެ ވެބްސައިޓްގައި އާންމު ކުރާނެ ކަމަށް އިއުލާނުގައިވެއެވެ.

ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ޖޭއެސްސީގެ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. މިހާރު އެކޮމިޝަނުން ގެންދަނީ ފަނޑިޔާރުންނާއި ގުޅޭ ގިނަ ޝަކުވާތަކެއް ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައިރާން

    ރާއްޖޭގައި އެލްއެލްބީ ޑިގްރީއެއް ލިބޭއިރަށް އަލްއުސްތާޒު މިކިޔަނީ މަލާމާތްކުރަން ބާވައެވެ. ގާނޫނީ ވަކީލުންނަކީ ބަޔަކަށް ކިޔަވައިދޭ ބައެއް ނޫން. ގާނޫނީ ވަކީލުކަމަކާއި ކޯޓުތަކުގައި ވަކާލާތުކުރުމާއި އުސްތާޒަކާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ގާނޫނީ ވަކީލުންގެ ކަންކަމާމެދު މިހާވަރަށް ވާހަކަދައްކާއިރު މިކަމާމެދު ވިސްނާލާނެ މީހަކުވެސް ނެތީހެއްޔެވެ؟

  2. ހަސަނުބެ22323

    ތިން ވަކީލަކަށް ނޫން. ތިން ގްރަޖުއޭޓުންނަށް. ބޯހަލާކު