ފުވައްމުލަކުގައި އިއްޔެ ގެނބިގެން ނިޔާވި ފައުޒާން ހަސަން މިދުނިޔެއާ ވަކިވެގެން އެދިޔައީ އިންސާނިއްޔަތުގެ އެންމެ ފުރިހަމަ ނަމޫނާ އަޅުގަނޑުމެންނަށް ދައްކުވައިއިދީފައި ކަމަށާއި އޭނާ އަކީ އެހެން އެންމެން އިބުރަތް ލިބިގަންނަން ޖެހޭފަދަ ހިތްވަރުގަދަ ނަމޫނާއެއް ކަމަށް ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ފައުޒާން ނިޔާވުމާއި ގުޅިގެން ސްކައުޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކު މާނެރެ ސަރަހައްދުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ސަރަހައްދަކީ ވަރަށް އޮއިބާރު ސަރަހައްދެއް ކަމަށާއި ފައުޒާން އެ ހިސާބަށް މޫދަށް އެރިއުޅުނު ވަގުތު، މޫދަށް ގޮސްތިބީ ކުޑަ ދެ އަންހެންކުދިން ބާރުގަދަ އޮއިވަރާއެކު ބޭރަށް ދުޅައިގަތުމުން އެކުދިންނަށް އެހީތެރިވުމަށް އަހްމަދު ފައިޒަން ވަނީ މަސައްކަތް ކޮށްފައެވެ.

"ފައުޒާން ކުރި ބުރަ މަސައްކަތުން އެދެކުދިން އިސްކޮޅުޖެހޭ ހިސާބަށް ގެނައިވަގުތު ކުއްލިއަކަށް ޖެހި ރާޅަކާއެކު ގަދަފަދަ ރާޅުބާނިތަކު ގެ ތެރެއަށް އޭނާ ދަމައިގަތީއެވެ. އެ ސަރަހައްދުގެ އޮއިވަރު އެވަގުތު ގަދަކޮށް ނަމަވެސް، އަދި އެކަނިހުރި ނަމަވެސް އަމިއްލަ ފުރާނައަށް ބެލުމެއްނެތި އަހްމަދު ފައުޒާން ވަނީ އޮއިވަރާއެކު ބޭރަށް ދަމަމުންދިޔަ ދެ އަންހެން ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދީފައެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އުމުރުން 17 އަހަރުގެ ފައުޒާނަކީ ސެކަންޑް ޏަވިޔަނި ސްކައުޓް ގްރޫޕް (ފުވައްލަކު ސްކޫލް) ގެ ސްކައުޓެކެވެ. އޭނާއަކީ ސްކައުޓް ޕެޓްރޯލް ލީޑަރެއްގެ މަގާމުގައި ހުރި، ދަރިވަރެކެވެ.

ސްކައުޓް އެސޯސިއޭޝަނުން ބުނީ ފައުޒާން އަކީ ސްކައުޓް ޙަރަކާތުގައިވެސް ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު، ހަރަކާތްތެރި ދައުރެއް އަދާކުރަމުންދިޔަ ޚުލްގުހެޔޮ ސްކައުޓެއް ކަމަށެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 23 އިން 27 އަށް ހުޅުމެވެ. ފޭސް 2 ގައި ބޭއްވީ "2 ވަނަ ނޭޝަނަލް ސްކައުޓް ކްރާފްޓް ކޮމްޕް" ގައި ބައިވެރިވި ފުވައްމުލަކު ސްކޫލްގެ ކޮންޓިންޖެންޓްގައިވެސް ފައުޒާން ހިމެނި، ކޭމްޕްގައި ފުވައްމުލަކު ސްކޫލްގެ ސްކައުޓުންގެ ހުނަރުތައް ދައްކާލްމްގައި މުހިންމު ދައުރެއް އޭނާ އަދާކުރި ކަމަށް އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެސޯސިއޭޝަނުން ބުނީ ފައުޒާންގެ ކުއްލި ވަކިވުމަކީ ސްކައުޓް އެސޯސިއޭޝަނަށާއި، ރާއްޖޭގެ ސްކައުޓް ޢާއިލާގެ މެމްބަރުންގެ އިތުރުން، ފުވައްމުލަކުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ފުން ހިތާމަޔެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހިރާއްޖޭގެ ޗީފް ސްކައުޓް އަދި ރައީސުލްޖުމްހޫރިއްޔާއާއި، ގައުމީ ސްކައުޓް ކައުންސިލާއި، އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންނާއި، ރާއްޖޭގެ ސްކައުޓް އާއިލާގެ ހުރިހާ މެމްބަރުންގެ ނަމުގައި މަރްޙޫމް ޢަހްމަދު ފަޢުޒަންގެ ލޮބުވެތި އާއިލާއަށް އިޚްލާސްތެރި ތަޢުޒިޔާ ދަންނަވާ ކަމަށް އެސޯސިއޭޝަންގެ ބަޔާނުގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެފް

    ފައުޒ؛ާނަކީސްކައުޓް ހަރަކާތުގެވެސް އަސާސްތަކާ އެއްގޮތޮށް ޢީމާންކަމާ އަޒުމާ އެކުގައި އަނެކުންނަށް އެހީތެރިވުމުގައި ނަމޫނާދެއްކި ދަރިއެކެެވެ. ކުރީގެ ރައީސް މައުމޫނުގެދައުރުގެ ފަހުކޮޅު އުތުރުގެ ރަށަކަށްކުރެއްވި ދަތުރުފުޅެއް ގައި އެމަނިކުފާނަށް ތޫނުއެއްޗަކުން މީހަކު ދިން ގަތުލު ހަމަލާއަކުން ސަލާމަތްވެ ވަޑައިގަތުމުގައި ވެސް ސްކައުޓް ދަރިވަރަކު ދެއްކި ގަދަ ހިތްވަރާއި ކެރުން ފާހަގަކޮށްލެވެއެވެ. އަދިވެސް ސްކައުޓްހަރަކާތް ފަޚުރުވެރިވާ ފަދަ ދިވެހި އެތައްދަރީންނެވެ.