ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުން މެދުކަނޑާލި މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލެއާ ދެމެދު ކުރާ ބަސް ދަތުރުތަކުގެ ޚިދުމަތް އަލުން ފަށައިފިއެވެ.

ބަސް ދަތުރުފަތުރުގެ މި ޚިދުމަތް ފޯރުކޮށްދެމުންދާ އެމްޕީއެލްއިން ކުރި އިއުލާނެއްގައި ވިދާޅުވީ، މެދުކަނޑާލާފައިވާ މާލެއާއި ހުޅުލެ ބަހުގެ ދަތުރުފަތުރުތައް މިއަދު ފަށާފައިވާ ކަމަށާއި މިހާރު މި ދަތުރު އޮންނާނީ ކާނިވަލް ބަސް ރޫޓުން ކަމަށެވެ.

ކާނިވާ ބަސް ސްޓޮޕުން ބަހުގެ ދަތުރު ފަށާއިރު، އާޓިފިޝަލް ބީޗް ވޮލީ ކޯޓު ކައިރިއަށް ބަސް މަޑުކުރާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. އެއާޕޯޓުން ބަސް މަޑުކުރާނީ އޭޓީއެމް ކައިރިއަށް އަދި އެމްއޭސީއެލް އޮފީސް ކައިރީ ހުންނަ ބަސް ސްޓޮޕަށެވެ.

މި ރޫޓުން ބަހުގެ ހިދުމަތް ފަށާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ފަތިހު 5:30 ގައެވެ. ހުކުރު ދުވަހު ބަހުގެ ހިދުމަތް ފަށާނީ ހެނދުނު 6:30 ގައެވެ. މާލެއާއި ހުޅުލޭގެ ބަސް ދަތުރު އޮންނާނީ ކޮންމެ ގަޑިއަކު އެއް ފަހަރު ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

މިހާރު ވެސް ކުރިއެކޭ އެއްގޮތައް ހުޅުމާލެ އާއި މާލެއާ ދެމެދުގެ ބަސް ދަތުރުތައް އޮންނާނެއެވެ.