ލައިސެންސް ނެތި ރާއްޖޭގެ އެއްވެސް ފަރާތަކުން އޮޑިޓް ކުރުމުގެ ހިދުމަތް ދިނުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

"ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު" ގެޒެޓްކޮށްފައިވާއިރު އެ ގަވާއިދަކީ އެޝޫރެންސްގެ ހިދުމަތް ދިނުމަށް މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ލައިސަންސް ދިނުމާއި، އެ ލައިސަންސް ބާތިލު ކުރުމުގެ އުސޫލުތައް ކަނޑައަޅައި، އެ ފަރާތްތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

އެ ގަވާއިދުގެ ދަށުން ދޫކުރާ އޮޑިޓް ލައިސަންސް ނެތި ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ގާނޫނީ އޮޑިޓްކުރުމުގެ ހިދުމަތް ދިނުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދާއި އެކު އި ޤާނޫނީ އޮޑިޓްކުރުމުގެ ހިދުމަތް ދިނުމުގައި ދިވެހިންނަށް ފަހި އަދި ފައިހަމަކުރެވޭނެ މަގު ތަނަވަސްކުރުމުގެ މާހައުލެއް ގާއިމު ކުރެވޭނެ ކަމަށް ގެޒެޓު ކުރެވިފަިއވާ ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ. އަދި ގާނޫނީ އޮޑިޓުތަކުގެ ފެންވަރާމެދު، ހިދުމަތް ލިބިގަންނަ ފަރާތްތަކާއި، ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިގެން ދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ގަވައިދުގައި ވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ލައިސަންސް ދޫކުރާ ހާލަތްތައްވެސް ބަޔާންކޮށްފައެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގެ ޤާނޫނީ އޮޑިޓްކުރުމުގެ ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އެހެން ޤައުމެއްގެ ރައްޔިތަކު، މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅައިފިނަމަ، އެ ފަރާތަކަށް އޮޑިޓް ލައިސަންސް ދޫކުރާނީ 31 ޑިސެންބަރު 2023 ގެ ނިޔަލަށް އެ ލައިސަންސްގެ މުއްދަތު ހަމަވާގޮތަށްކަން ފާހަގަކޮށްފައިވެއެވެ.

މި ގަވާއިދާއި ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމާފައިވާއިރު އެފަރާތްތައް އެކި އަދަދުތަކުން ޖޫރިމަނާކުރާގޮތަށް ޤަވައިދުގައި ވަނީ ހިމަނާފައެވެ. އެގޮތުން ޤަވާއިދުގެ ދަށުން ހުށައަޅަންޖެހޭ މައުލޫމާތު ހުށަނޭޅުމާއި، ދޮގު މައުލޫމާތުދިނުން ހިމެނެއެވެ. އަދި މަނީ ލޯންޑަރިންގ ނުވަތަ ކޮރަޕްޝަން ނުވަތަ ޓެކުހަށް މަކަރު ހެދުން ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުން ފަދަ މައްސަލައެއްގައި ބައިވެރިވިކަމަށް ސުލޫކީ ކޮމިޓީގެ ތަޙުޤީޤަށް ސާބިތުވުން ފަދަ ކަންކަންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު