އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ މަސައްކަތްޕުޅު ހުއްޓުވަން މަތިމައްޗަށް ދައުވާ ކުރިޔަސް ނުސިހޭނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިހެން ވިދާޅުވީ، އާންމު ތަނެއްގައި ހަޑި ހުތުރު ބަހުން މުހާތަބު ކުރައްވައިގެން ދައުލަތުން އަދުރޭގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މި މަހުގެ 31 ވަނަ ދުވަހު އޮންނާނެ ކަމަށް އަންގައި ކްރިމިނަލް ކޯޓުން ފޮނުވާފައިވާ ލިޔުން ޓްވީޓާގައި ހިއްސާ ކުރައްވަމުންނެވެ.

އަދުރޭއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝިޔާމް ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަދުރޭއަކީ ނުގުޑާ ފަދަ އަޒުމެއްގައި ހަރުދަނާ ސިޔާސަތުތަކުގެ މަތީގައި މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށެވެ. އަދި އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާ އެކު އަދުރޭ ހުންނަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ދައުވާ މައްޗަށް ދައުވާ ކުރިޔަސް އަބްދުލްރަހީމް ނުސިހޭނެ،" ޝިޔާމް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އަދުރޭގެ މައްޗަށް މިފަދަ ދައުވާއެއް ކޮށްފައިވަނީ، އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށެވެ. އެމަނިކުފާނުގެ މައްޗަށް ކުރާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. ފަސް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އަންނަ ބުރާސްފަތި ދުވަހު އެ މައްސަލައަށް ހުކުމް ކުރުން އެބަ އޮތެވެ.

އަދުރޭގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނުލް އުގޫބާތުގައި ބަޔާން ކުރާ ކުށަކަށެވެ. އެއީ އެ ގާނޫނުގައި ބަޔާންކުރާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައް ކުރުމުގެ ކުށެވެ. އެ ކުށް ދަރަޖަ ކޮށްފައި ވަނީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ.

މި ކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަސް ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު އަންނާނީ އެއްމަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ. ޙުކުމުގެ މުއްދަތު ނުވަ ދުވަހަށް ކުރު ކުރުމުގެ އިހްތިޔާރު ވެސް މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަލްޖިބްރާ

  ރަގަޅު ! އަޒުމު ގުޑުވާނެ ކަމެއްނެތް ! ޔާމީނުގެ އަޒުމެއްވެސް ނުގުޑައެއް

  10
  3
 2. އަލްޖިބްރާ

  ރަގަޅު ! އަޒުމު ގުޑުވާނެކަމެއްނެތް ! ޔާމީނުގެ އަޒުމެއްވެސް ނުގުޑައެއްނު ! އެކަމަކު ޤާނޫނީ ކުށެއް ކޮށް އެކަން ސާބިތުވީމަ ނުހައްޤުން އަނިޔާކުރަނީއޭ ގޮވީމަ އެހެންމީހުންވެސް ކަލޭމެންގެ ބޮލަށް އަރާނެ ! އަދުރޭގެ މައްޗައްވެސް ކުށް ސާބިތުވެއްޖެ ނަމަ ނުގަޑާ އަޒުމާއެކުވެސް ކުރި ކުށުގެ އަދަބު ލިބޭނެ !

  5
  1
 3. ކާފަ

  އަދުރޭ ސިހޭކަށް ނުޖެހޭނެ. އޭނާއަކީ ހިތްބަލި މީހެއް. ސިއްސާގެންގޮއްސަ އަވަގުރާނަ ގޮވުނީމަ ދައުވާއެއް އެކޮށްލީ.

  2
  4
 4. ވގ ޔނ

  އެއީ ހަމަތެދެއް ވައްކަން ކުރާ މީހުން ނުސިހޭނެ އެއައްވުރެ ނުބާއިނުލަފާވާނެ ތިބުނާ އަދުރެޔެއް މުދާވެރިވީގޮތެއްވިސްބަލަންޖެހޭ

  4
  4
 5. އ . ޖ . އ

  ކާފަރު ކަމުގަ އިނަތިހާއަށް ގޮސް ހުރި މީހަކު އެއްވެސް ކަމަކާ ނުސިހޭނެ

  2
  6
 6. ބިރު

  ސިހޭނެ ފިހޭނެ ދުވަހެ އްވޭ

 7. ޙަސަންފުތާ

  އަދުރޭތަ؟ ނުސިހޭނެ! ހިސާބު އިލްމުން ދުނިޠެދުއް އެންމެ މަތީ މީހަކީ އަދުރޭ. ބާޓިނު އެންމެފުރަތަމަ އުފެއްދި މީހަކީވެސް އަލްފާޟިލް އަދުރޭ

 8. ދިރާސާ

  ދެން ހޯހޯ ގޮވޮޔަސް ދުވަސްކޮޅަކުން އޮބައިގަންނާނެ