ގދ. އަތޮޅު ފަޅު ރަށެއް ކަމުގައިވާ، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކުރި ދައުވާތައް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ބޭރު ކޮށްލައިފިއެވެ.

މި މައްސަލައިގައި ފަސް މީހެއްގެ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އެންމެ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. އެކަމަކު މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވެސް އެ މައްސަލަ ބޭރުކޮށްލިއެވެ.

ދެން ޕީޖީއިން މި މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލައިގައި މިއަދު ހެނދުނު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އެ ދައުވާތައް ބޭރުކޮށްލާފައިވާ ކަމަށް އެ ކޯޓުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ކޯޓުން އެ ދައުވާތައް ބޭރު ކޮށްލީ، ދައުވާ ކުރަން ގާނޫނުގައި ބަޔާން ކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ކޯޓަށް ހުށަހެޅުމުން ކަމަށް ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ބަހެއް އަދި ނުލިބެއެވެ.

ގދ. އަތޮޅުގެ އެ ފަޅު ރަށުން އަތުލައިގަތީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސްއެވެ. އެ ތަކެތީގެ މަގުމަތީގެ އަގަށް 240 މިލިއަން ރުފިޔާގެ އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިލާދީނީ ސަރުކާރައް އެއވެސް ކަމެއް ރަނގަޅައް ނުކުރެވޭ

    13
    2
  2. ހެވެއްނު

    ވިއްކާލީ

    2
    1
  3. ސަޓޯ

    ބޮޑު ނޮހޮރޮއްޕާނެއްނު... މިގައުމުގަ މިޔޮއް ގާނޫނެއްދޯ ... ހަކުރު ވިއްކާ މީހުނައް ސެއްލަ! އަދިވެސް ބަލާ މަޖިލިސް ހުޅުވައިގެން އަންނިއަށް ބޮޑުވަޒީރުކަން ކުރެވޭ ގޮތައް ގާނޫނުތައް ބަދަލު ކުރެވޭތޯ... ތިކަން ހުއްޓާލާފަ މިޕާރޓޭންނަށް ކަމެއް ކުރަން ވެއްޖެއެއްނު..

    27
    1