ދަރިވަރުންގެ ޙައްޤުތަކަށް އެތައް ގޮތަކަށް ތަކުރާރުކޮށް އަރައިގަންނަމުން ދާއިރުވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތް އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) އެންމެ -/35000 ރުފިޔާ އިން ޖޫރިމަނާކޮށް އަނެއްކާވެސް ކަންކަން އިސްލާހް ކުރަން އިތުރު ފުރުސަތެއް ދީފިއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް މުހައްމަދު ވިދާޅުވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނުގައި ޖޫރިމަނާ ކުރެވިދާނެ އަދަދުތަކެއް ބަޔާންކޮށްފައިވާ ކަމަށާއި ޖޫރިމަނާ ކުރަމުން ގެންދަނީ އެ އަދަދުތަކާއި އެއްގޮތަށް ކަމަށެވެ.

"އެ ގާނޫނުން ހުންނާނެ އަޕަރ ލިމިޓްތަކެއް ދީފައި. އެންމެ މަތިވެގެން މިވެނި އަދަދަކަށޭ ޖޫރިމަނާ ކުރެވޭނީ" އޭނާ ވިދާޅުވިއެވެ.

2001 ވަނަ އަހަރު އަމަލު ކުރަން ފެށި މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނު ބުނާ ގޮތުން އެޤާނޫނާއި ހިލާފުވާ ފަރާތްތައް -/100000 ރުފިޔާއަށްވުރެ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

ފްލައިން ސްކޫލް ޖޫރިމަނާ ކުރުމަށްފަހު ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލަށް އަންގާފައެވެ. އަދި ސްކޫލްގައި ހިންގާ ކަންކަން ބެލުމަށް ސިވިލް އޭވިއޭޝަންގެ ފަރާތުން ބޭފުޅަކު ސްކޫލްގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުންވާ މިންވަރަށް ސްކޫލުގެ ފަރާތުން ޓެމްޕަރަރީ ލީޒްކޮށްގެން ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން "ކޮމްޕްލެކްސް" މަތިންދާ ބޯޓު ހަމަޖެއްސުމަށާއި، ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ކަމަކަށް ނުވާތީ ރާއްޖޭގެ ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަށް ވެސް ސްކޫލަށް ވަނީ އަންގާފައެވެ.

ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލްކުރެވެމުންދާ ގޮތާއި ތާވަލު އާންމުކޮށް ފެންނަން ހުންނާނޭ ގޮތަށް އާއްމު ކުރުމަށްވެސް ވަނީ އަންގާފައެވެ.

ފްލައިން ސްކޫލްގައި ހުރި މައްސަލަތަކާއި ގުޅިގެން ދަރިވަރުން ޝަކުވާ ކުރަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު އަދި މިހާތަނަށް އެއްވެސް މައްސަލައަކަށް ހައްލެއް ގެނެސްދެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލިލ

    ހާދަ ބިރެކޭ ތޯ އެމީހުން ދެކެ ތި ގަންނަނީ.

  2. ބެއްޔާބެ

    މިއީ ދެން ބޮޑު ޖޯކެއް. ކޮބައިތަ އެއްބަސްވުން. އެއްބަސްވުމާ ބެހޭ ގޮތުން އެއްވެސް މީޑިއާއަކުން ސައްހަ މައުލޫމާތެއް ނުގެނޭ. ވަގުތު ކުދިން ދެކުނުގަ އުޅޭ އިރު އަޅެ ބަލާ ބަލަ އޭއޭއޭއާ އެކު ހަދާފައި އޮތް އެއްބަސްވުން ރަނގަޅުތޯ؟ މުއްދަތު ހަމަކޮށްފައިތޯ؟ ހަމަވެފައި ވާ ނަމަ މިހާރު ހިންގަނީ ކޮން އިންތިޒާމެއްގެ ދަށުންތޯ؟ އެއްބަސްވުން އާކޮށްފައިވާ ނަމަ އެކަން ކުރީ ކިހިނެއްތޯ؟

  3. ހުސޭނުބޭ

    ތި ޖޫރިމަނާކުރެވުނީ ކުއްޖެއްގެ އަތުން އެއްމަހުން ނަގާ ފީ އާ އެއްވަރަށް! ތިވޭތަ އެބަ އެއްޗަކަށް!

  4. ރައްޔިތު

    "ދަރިވަރުން ޝަކުވާ ކުރަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި..."؟! އަހަރެއް ނޫން. ފެށުނިއްސުރެ ދަރިވަރުން ޝަކުވާ ކުރޭ. ބަޔަކު އަޑު އެހިނަމަތާ..!