ލ.ފޮނަދޫން އިއްޔެ ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށާއި، އެއަތޮޅު ފޮނަދޫ މޮނިޓަރިންގެ ހާލަތައް ގެނެސް އެދެރަށަށް އަރައި ފޭބުން މަނާކުރި ފަހުން މިހާތަނަށް ނެގި އެއްވެސް ސުންކެއް (ސާމްޕަލެއް) އަދި މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ނުވާކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން ވިދާޅުވީ ފޮނަދޫން މިހާތަނަށް 53 މީހެއްގެ ސުންކު ނަގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 14 މީހެއްގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

ފޮނަދޫން އަދި މިހާތަނަށް އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ނުވިނަމަވެސް އިއްޔެ ފޮނަދޫން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ބައްދަލުވި މީހުންގެ ތެރެއިން އަށް މީހެއްގެ ގައިން ކޮވިޑް-19 ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށް އެޗްއީއޯސީ އިން ވިދާޅުވިއެވެ.

ގަމުން މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓް ކުރީ ކިތައް މީހުން ކަމެއް އެޗްއީއޯސީ އިން ހާމައެއް ނުކުރެއެވެ. ނަމަވެސް ގަމު ކައުންސިލުން މިރޭ ވިދާޅުވީ ފޮނަދޫން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ބައްދަލުވުމުން ގަމުން ޓެސްޓް ކުރި އެއްވެސް މީހަކު މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ނުވާކަމަށެވެ. އަދި ގަމުން ބައެއް މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ގަމާއި ފޮނަދޫން ކޮވިޑް-19 އަށް ޓެސްޓް ކުރި އެއްވެސް މީހަކު އަދި ކޮވިޑް-19 އަށް ފައްސިވެފައި ނެތް ނަމަވެސް އެދެރަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް ޓާސްކްފޯސްގެ ހުއްދަ އާއިއެކު އެދެރަށަށް ވެސް ދަތުރު ކުރެވޭނެ ކަމަށް އެޗްއީއޯސީ އިން މައުލޫމާތު ދެއެވެ.

ފޮނަދޫން އިއްޔެ ކޮވިޑް-19 އަށް ފައްސިވީ ގއ.ގެމަނަފުށިން ފޮނަދުއަށް ދަތުރުކުރި އެއް އާއިލާއެއްގެ ހަތަރު މީހުންނެވެ. ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އެމީހުންގެ ހާލަތު ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 😜

    ދެން މިހާރު ސުކޫލް ހުޅުވަން ރަގަޅު

  2. ސަޓޯ

    އައްސި ފައްސިއަށް ވަންޔާ ކޮން އިތުބާރެއް އޮތީ ؟

    1
    1