ދައުވާ ލިބުނު ފަރާތަށް ޤާނޫނީ ވަކީލަކު އައްޔަންކުރަން ފުރުސަތު ނުދިންކަމަށް ބުނެ މެޖިސްޓްރޭޓެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ ޤަޟިއްޔާއެއްގައި ދައުވާ ލިބުނު ފަރާތަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމުގެ ފުރުޞަތު އެ ޤަޟިއްޔާ ބެއްލެވި ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ނަފީސް ޙުސައިން ނުދެއްވި ކަމަށް ބުނާ މައްސަލައެއް ތަޙްޤީޤްކުރުމަށް މި ކޮމިޝަނުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ނަފީސް ޙުސައިންގެ ސުލޫކީ މި މައްސަލަ ތަޙުޤީޤުކުރުމަށް ޖަނަވަރީ 10 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ތަހްޤީޤު ކޮމެޓީ އެކުލަވާލާފައިވާކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.

ނަމަވެސް އަލްއުސްތާޛު އިބްރާހީމް ނަފީސް ޙުސައިންގެ މައްސަލަ ތަހްޤީޤު ކުރަން އެކުލަވާލި ކޮމެޓީގެ ތަފްސީލެއް ޖޭއެސްސީ އިން ހާމައެއް ނުކުރެއެވެ. އަލްއުސްތާޛު އިބްރާހީމް ނަފީސް ޙުސައިންގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުނު ދުވަހެއް ވެސް ޖޭއެސްސީ އިން ހާމައެއް ނުކުރެއެވެ.

ފަހަކަށް އައިސް ޖޭއެސްސީ އިން ގެންދަނީ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. ނަމަވެސް ބައެއް މައްސަލަތައް ގަސްދުގައި ލަސްކުރަމުން ގެންދާ ކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ޖޭއެސްސީގެ މައްޗަށް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަމާލު

    ކޯޓެއްގައި ހިނގަމުންދިޔަ ޝަރީޢަތަކާބެހޭގޮތުން ، އެ ޝަރިޢަަތް ދައުލަތުގެކޮޅަށް ނިމެން ބޭނުންވެފައިވާ ރާއްޖެ ޓީވީއަށް ބަސްދީގަތުމެއްދިން ފަނޑިޔާރު ޢަލީރަޝިދަށް ފިޔަވަޅުނޭޅީ އެ ފަނޑިޔާރުގެ އަޚްލާޤު ރަގަޅުކަމުންތޯ؟