ތިލަފުށީ ފަޅުގައި އޮތް ދެދޯންޏެއްގައި އަލިފާން ރޯވެގެން މިދިޔަ މަހުގެ 24 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ހާލު ސީރިއަސްވި ދިވެހި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

އަލިފާނުގެ ހާދިސާގައި ފިހިގެން ދެ މީހަކަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެ ތެރިން ހާލު ސީރިއަސް ވީ ދިވެހި މީހާއެވެ.

އައިޖީއެޗްއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާގައި ހާލު ސީރިއަސްވި ދިވެހި މީހާ މިހާރު ޕްރައިވެޓް ކޮޓަރިއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ހާދިސާގައި އޭނާގެ ހަށިގަނޑުން 20 އިންސައްތަ ފިހުނެވެ. އޭނާއަށް މީގެ ކުރިން ފަރުވާދެމުން ގޮސްފައި ވަނީ އައިސީޔޫގައެވެ.

އެ އަލިފާނުގެ ހާދިސާ ހިނގީ ފަޅުގައި އޮތް ދޯންޏަކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައިއެވެ. އެ ހާދިސާގައި ދެދޯންޏެއްގައި ރޯވެ ދޯނިތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބުނެވެ.