ރޭޕް އަދި ޖިންސީ މައްސަލަތަކަށް އިންސާފު ހޯދަން އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އިދިކޮޅުން މި އިހުތިޖާޖް ކުރަނީ ޖެންޑާ މިނިސްޓްރީ ކުރިމަތީގައެވެ.

އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ, އޮކްޓޯބަރު 19 ވަަނަ ދުވަހު ޖެންޑާ މިނިސްޓަރ އައިޝަތު ދީދީ އާ ބައްދަލުކުރުން އެދި ފޮނުވި ސިޓީއަށް ޖަވާބު ލިބިފައި ނުވާތީ އާއި ރޭޕް އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ހޯދުމަށް ގޮވާލައި އިހުތިޖާޖް ކުރަމުންދާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއެވެ.އެ މައްސަަލައަށްފަހު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވިއެވެ. އަދި އެއީ ރޯޔަލް ރޭޕް ކޭސްއެއްގެ ގޮތުގައި ގިނަބަޔަކު ސިފަވެސް ކުރެއެވެ.

އެ މައްސަލާގާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެގެން ގޮސްފައެވެ. އިމްރާން ވިދާޅުވެފައިވަނީ އެ ސަފާރީގައި ހިނގީ އާންމު ތަނެއްގައި ކުރެވޭ ވަރުގެ ކުޑަ ކަމެއް ކަމަށާއި ރޭޕްގެ އަމަލެއް ނުހިނގާ ކަމަށެވެ.

ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ. މި މައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި، ނަމަވެސް އެ ދެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.