އަނެއްކާވެސް ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ކ.އަތޮޅުގައި ހިންގާ ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ މެންދަމު 02:48 ހާއިރު ލިބުމާއެކު ފަޔަރމަނުންގެ ޓީމަކާއެކު ފަޔަރ ލޯންޗު ވަނީ ވަރު އައިލެންޑް ރިސޯޓަށް ދަތުރު ފަށާފައި ކަމަށާއި މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ ފަޔަރމަނުން ކުރި މަސައްކަތުން ރޭ ފަތިހު 05:39 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

މި ހާދިސާގައި އެ ރިސޯޓުގެ ވަޑާންގެ އާއި އެތަނާ ޖެހިގެން ހުރި ސްޓާފް ކުއަރޓާސްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އެ ސަރަޙައްދުގައި އިތުރު ތިން ގުދަނެއް ހުރި ނަމަވެސް މި އިން އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ރިސޯޓުގައި ހިނގި މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ރީތިރަށް ރިސޯޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިއީ ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި ހަތަރު ވަނަ ރިސޯޓެވެ. ޑިސެމްބަރ 29 ވަނަ ދުވަހު ތާޖް އެގްޒޯޓިކާ ރިސޯޓްގެ އިންޖީން ގޭގައި އަލިފާން ރޯވެ ވަނީ ގެއްލުންތަކެއް ވެފައެވެ. އޭގެ ކުރިން ޑިސެމްބަރ 13 ވަނަ ދުވަހު މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެ އެތަނަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ. ޑިސެމްބަރ 05 ގައި ސަން ސިޔާމްގެ އޮޅުވެލި ރިސޯޓްގައި ރޯވެ ދެކޮޓަރިއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ރިސޯޓްތަކުގައި އަލިފާނުގެ ހާދިސާތައް އިތުރުވެފައި ވާއިރު މަސްދޯނި ފަހަރުގައި ހިނގާ އަލިފާނުގެ ހާދިސާތައް ވެސް މިދުވަސްވަރު ގިނަކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާކަނި

    ޓޫރިޒަމް ދަށްވުމުން ބާކީވާ ޖެޓް އޭ1 ތެޔޮތައް ޑީސަލް އާއި އެއްކޮށްވިއްކަނީތޯ ސުވާލު އުފެދޭ. މީގެ އަހަރުތަކެއް ކުރިން ކަރާސީންތެލާއި ޖެޓް އޭ1 އެއްކޮށްފަ ވިއްކުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާ ލިބި އެތައް ގެއެއްގައި އަލިފާން ރޯވެފައިވޭ. އެއީ ރޭގަޑު ބައްތި ދިއްލުމަށް ކަރާސީން ބޭނުން ކުރުމުން. މިއީ މިއަދު ވިސްނާލުން ރަގަޅުކަމެއްކަމަށް ދެކެން.

    • ނާބޮލި

      ނޫނޭ ބޮޑަށް ވައްތަރީ ޓުއަރިޒަމް ދައްވެ އާމްދަނީ ދައްވީމަ އިންސިއުރެންސް ލާރިކޮޅު ހޯދަން ގަސްތުގައި ކުރާ ކަމެއްހެން ..އަނެއްހެން ގޯހެއް ނޫނެއްނު ރާކަނި